ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުން އެމްޑީޕީގެ ރިޔާސީ ޕްރަިއމަރީގެ ވާހަކަ ދައްކާތީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީ ކުރެއްވި ޓްވީޓްގައި ވަނީ، ކޯލިޝަންގެ މިނިސްޓަރުންނާއި އަދި ބައިވެރިން އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި މެދު "ކަންބޮޑުވެ، ގޮތްބޮޑުވެ، ނިދިނައިސްގެން އުޅެނީ" ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
"މީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެވެ. އެޕޮއިންޓް ކޮށްފައިވާ މަޤާމާއި އެކު، ވާގޮތް ބަލަން މަޑުން ތިބޭށެވެ." ރާއީ ވިދާޅުވިއެވެ.
ކޯލިޝަންގެ މިނިސްޓަރުންނާއި އަދި ބައިވެރިން MDP ގެ އެތެރޭގެ އިންތިޙާބާއި މެދު ކަންބޮޑުވެ ގޮތްބޮޑުވެ، ނިދިނައިސްގެން އުޅެނީ ކީއްވެބާއެވެ ؟ މީ MDP ގެ އެތެރޭގެ އިންތިޙާބެވެ، އެޕޮއިންޓް ކޮށްފައިވާ މަޤާމާއި އެކު ވާގޮތް ވާގޮތް ބަލަން މަޑުން ތިބޭށެވެ 🙏
🙏 pic.twitter.com/f85HZm6AFt— Mohamed Raee / Makunudhoo Constituency (@Mraee12) January 6, 2023
ރާއީ މިފަދައިން ޓްވީޓް ކުރެއްވިއިރު ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ ބައެއް މިނިސްޓަރުން އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކޮށް ޓްވީޓް ކުރައްވާ ހައްދަވަމުންނެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކި ސިޔާސީ މަގާމުތަކުގައި ތިބި އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ފާހަގަކޮށްލެވެއެވެ.