"މައުމޫނީ ސިފަތައް" އަނެއްކާވެސް ތައާރަފުވާން ފަށާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަމްޕޭނަށް ފ. ބިލެތްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ މަސައްކަތުން ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސް ނިޒާމެއް ގާއިމުކުރެވި ރާއްޖޭގެ އާމްދަނީ އިތުރުކުރެވި ރައްޔިތުން ބޭނުންވީ ކަންކަން ކުރެވެން ފެށުނު ކަމަށެވެ.
އެމަނިކުފާނާ އެކު ރައްޔިތުން ނިކުމެ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއާ މެދު މިއަދު އެ ރައްޔިތުން އުފާކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ގާތަށް އަނެއްކާވެސް އައިސްހުރީ ފިކުރެއްގެ ދިރުމުގައި ކަމަށާއި، އެއީ ރައްޔިތުންގެ އާމްދަނީ އިތުރުވެ، އިޖުތިމާއީ ރައްކާތެރިކަން ލިބި، ވަޒީފާ ލިބިދެވޭ އެމްޑީޕީގެ ފިކުރު ކަމަށެވެ. އެ ފިކުރު ދިރުވުމަށް ރައްޔިތުންގެ ގާތަށް އައިސްހުރީ އެ ފިކުރު ގަޑުބަޑުވާކަމަށް ފެންނާތީ ކަމަށެވެ.
"މައުމޫނީ ސިފަތައް އަޅުގަނޑުމެންގެ ތެރެއަށް އަނެއްކާވެސް ތައާރަފުވާން ފަށައިފި. ބައެއް ބޭފުޅުންނަށް ހީވާން ފަށައިފި ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އަޅައިގެން، އޭނާއަށް މަހެއް ގަނެދީގެން، އޭނާއަށް ބާޒާރު ކޮށްދީގެން، އޭނާ ގޭ ފުރާޅުގަނޑުގެ މަތިވަޑާންގަނޑުވެސް ހަދައިދީގެންނޭ ރަށު ތަރައްގީ ހޯދޭން އޮތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ސިފައަކީ އެމްޑީޕީގެ ފިކުރާ މުޅިން ހިލާފު ކަމެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ދައްކަމުން އައީ ގަދަރާ އިއްޒަތުގެ ވާހަކަ ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ގަޑުބަޑެއް ނުކުރެވޭނެ ކަމަށާއި ތިބީ ކާމިޔާބީގެ ތުންފަތް މަތީގައި ކަމަށެވެ.