Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

މުޒާހަރާކުރި އިތުރު ދެ މީހަކު ދަންޖައްސައިފި

އިރާންގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް، ދައުވާކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކަށް މިއަދު މަރުގެ އަދަބު ދީފި އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މުޒާހަރާތައް ކުރަން ފެށި ފަހުން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ވަނީ ހަތަރު މީހަކަށް މަރުގެ އަދަބު ދީފަ އެވެ. މި ފަހަރު ދަންޖައްސައި މަރާލީ މުޒާހަރާ ތެރޭގައި އިރާންގެ އަސްކަރީ އޮފިސަރެއް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި ދެ މީހެކެވެ. އެއީ މުހައްމަދު މަހުދީ ކަރާމީ އާއި ސައްޔިދު މުހައްމަދު ހުސޭނީ އެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ މުޒާހަރާ މައިތިރިކުރަން ނުކުތް ޕެރަމިލިޓަރީ އޮފިސަރެއް ކަމަށްވާ ރޫހުﷲ އަޖަމިއަން އަތުލައިގަނެ، މަގުމަތީގައި ބަރަހަނާކޮށް، މަރާލާފައިވާ ކަމަށެވެ.

މަހުދީ އާއި ސައްޔިދު ދަންޖައްސައި މަރާލި އިރު، މަހުދީ، 22، ގެ އާއިލާ އިން ބުނެފައި ވަނީ އޭނަ އަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ.

އިރާނުގެ މި އަމަލާ މެދި އިންސާނީ ގައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔައި، އިރާންގެ ސަަރުކާރުގެ އަމަލުތައް މިހާރު ހުރީ ލަދުވެތިވާން ޖެހޭ ހާލަތެއްވައި ކަމަށް ބުނެފައިވެ އެވެ.

ސެޕްޓެމްބަރުގައި 16 ގައި އިރާންގެ ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 19،200 އަށް ވޔރެ ގިނަ މީހުން ހައްޔަރުކޮށް ތަފާތު އެތައް ދައުވާތަކެއް އެ މީހުންގެ މައްޗަށް އުފުލާފައިވެ އެވެ. މުޒާހަރާތައް ފެށުނީ ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނަ ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާތައް ފެށުނު އިރާންގެ ސަލާމަތީ ބާރުތަކުގެ 68 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.