Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަޖޭ އަށް ބޮޑުބޭބެ ކިޔާ ޒުވާނަކު ބޮލީވުޑަށް

ބޮލީވުޑްގެ މަޝްހޫރު ތަރި، އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ ޒުވާނަކު ބޮލީވުޑަށް ނެރެން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި އަޖޭ ވެސް ރޯލެއް ކުޅެން ހަމަޖެހިފައިވާ ވަރުގަދަ އެކްޝަން-އެޑްވެންޗަ ފިލްމުން ބޮލީވުޑަށް ތައާރަފުކުރަން ނިންމާފައި ވަނީ އަމަން ގާންދީ ދޭވްގަން އެވެ. އޭނަ އަކީ އަޖޭގެ ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކްގެ ކަޕޫރްގެ ފިލްމެކެވެ. ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމު ޕްރޮޑިއުސްކުރަނީ އަބީޝެކާއި ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.

އާމަން ބޮލީވުޑަށް ނެރުމުގެ ޒިންމާ އަބީޝެކްގެ ކޮނޑުގައި އޮތް އިރު، އޭނަ އަކީ ކުރިން ވެސް އާ ފަންނާނުންތަކެއް ބޮލީވުޑަށް ނެރަފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން 2018 ގެ "ކޭދަރުނާތު" އިން ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އާއި 2020 ގައި ދަންޖެހިގެން މަރުވި ސުޝާންތު ސިންގް 2013 ގެ "ކައި ޕޯ ޗޭ" އިން އަދި 2008 ގެ "ރޮކް އޯން" އިން ފަރުހާން އަޚްތަރު ބޮލީވުޑަށް ނެރުނީ އަބީޝެކެވެ.

ޕިންކްވިލާ އިން ބުނީ އަޖޭ އާއި އާމަންއާ އެކީ އަބީޝެކް ހަދަން ތައްޔާރީތައް ވަމުން އަންނަ ފިލްމު މާ ލަސްތަކެއް ނުވެ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.