Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"އިމަޖެންސީ" ގައި 10 މިނިޓްގެ ލަވައެއް

ބަތަލާ ކަންގަނާ ރަނާވަތު މިހާރު ޑައިރެކްޓްކޮށް، ކުޅެމުން އަންނަ ސިޔާސީ ފިލްމު "އިމަޖެންސީ" ގައި 10 މިނިޓްގެ ލަވައެއް ހިމެނޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުން ފެންނާނެ ފިލްމުގައި ހިމެނޭ ދިގު ލަވައާ ބެހޭ ގޮތުން ލަަވައިގެ ޝޫޓިންގެ ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމް ސްޓޯރީގައި މި ފިލްމުން ލަވަތަކެއް ފެނުމަށް ބެލުންތެރިން އުންމީދު ނުކުރަންވީ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި "އިމަޖެންސީ" ގައި ހިމެނޭ 10 މިނިޓްގެ ލަވަ ކަންގަނާ ސިފަކޮށްފައި ވަނީ ފިލްމުގެ އިންޓަވަލްގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭ "މިއުޒިކަލް ޑްރާމާއެއް" ގެ ގޮތުގަ އެވެ.

ކަންގަނާ ބުނި ގޮތުގައި އޭނަ އަކީ މިއުޒިކަށް ވެސް ވަރަށް ލޯބިކުރާ މީހެކެވެ. އަދި "އިމަޖެންސީ" ގެ މިއުޒިކް ޑައިރެކްޓަރަށް ތައުރީފު ވެސްކޮށްފައިވެ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ ކާސްޓްގައި މަހީމާ ޗައުދަރީ، އަނޫޕަމް ކޭރް، ޝްރެޔަސް ތަލްޕަޅޭ އަދި މިލިންދު ސޯމަން ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

"އިމަޖެންސީ" އަކީ ކަންގަނާ ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޭނަ އަށް މޮޅު ބަތަލާގެ ތިން ވަނަ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.