ސްޓެލްކޯ އިން ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނީ ގުޅީގައި ދޭންފެށި މި ޚިދުމަތާއެކު ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ޚިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި ޚިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފަ އެވެ.
ސްޓެލްކޯއިން ބުނީ އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބޭންޑް A އަށް 10 ރުފިޔާ، ބޭންޑް B އަށް 12 ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް 13 ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެކަމަށް ސްޓެލްކޯ އިން ހާމަކުރެ އެވެ.
ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެކެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ޚިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ޚިދުމަތް އެ ރަށުން ސްޓެލްކޯ އިން ފޯރުކޮށްދޭނެ އެވެ.
އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ޚިދުމަތް މިވަގުތު ސްޓެލްކޯއިން ދެމުން އަންނަ ރަށްތަކުގެ ތެރޭގައި ކ. ގުޅީގެ އިތުރުން، އދ. މަހިބަދޫއާއި ކ. ގާފަރު ހިމެނެ އެވެ. މީގެ އިތުރުން ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން ދަނީ ވަމުންނެވެ.