ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. ނަމަވެސް ރޭގެ މެޗުން ބަލިވުމުން ރެއާލް އޮތީ 16 މެޗުން ލިބުނު 38 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 15 މެޗުން ލިބުނު 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ ކަމަށްވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޔެރެމީ ޕީނޯ ވަނީ ވިޔަރެއާލަށް ލީޑު ނަގާދީފަ އެވެ. އެގޮތުން ޖެރާޑް މޮރޭނޯ ހުސްކޮށްލާފައި ދިން ޕާހަކުން ޕީނޯ މި ގޯލް ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކަރީމް ބެންޒެމާ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިން އިރު މި ޕެނަލްޓީ ރެއާލަށް ލިބުނީ ވިޔަރެއާލްގެ ޑިފެންޑަރު ހުއާން ފޮއިތްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ރެއާލްގެ ޑޭވިޑް އަލާބާ އަތުގައި ބޯޅަ ޖެހުމުން ވިޔަރެއާލަށް ލިބުނު ޕެނަލްޓީއަކުން މޮރޭނޯ ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ވިޔަރެއާލަށް ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ލިބި ބޭކާރުވެފައިވެ އެވެ.
މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ އަށްފަހު ލީގުގައި ވިޔަރެއާލުން ރެއާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އިން މިރޭ ނިކުންނާނީ ހަތަރުވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރު އެވެ.