ފަހަކަށް އައިސް ބޮލީވުޑް ބޮއިކޮޓްކުރަން ގޮވާލައި ފިލްމީ ތަރިންގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް ކެމްޕޭންތައް ހިންގަމުންދާތީ އެކަން ހުއްޓުވައި ދޭން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން ސަރުކާރުގައި އެދިއްޖެ އެވެ.
އެތަނުން ސަރުކާރަށް ފޮނުވި ބަޔާނެއްގައި ބުނީ ބޮލީވުޑް ބޮއިކޮޓްކުރަން ގޮވުމަކީ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެެ. އެގޮތުން މި ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި #ބޮއިކޮޓްބޮލީވުޑްގެ ނަމުގައި ކެމްޕޭން ކުރަމުންދާތީ މީގެ ސަބަބުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކަށް މާލީ އެތައް ގެއްލުމެއް ވެސް ލިބެމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ފިލްމު ކުޅޭ މީހުންނާއި ފިލްމީ އެކި މަސައްކަތްތަކުގައި މަސައްކަތްކުރާ މީހުންނާއި ސިނަމާތައް ހިންގާ މީހުން ފަދަ އެތައް ބަޔަކަށް މީގެ ނޭދެވޭ އަސަރުކުރަމުންދާ ކަމަށް އެފްޑަބްލިއުއައިސީއީ އިން ބުންޏެވެ.
އެތަނުން ބުނި ގޮތުގައި ބައެއް ފިލްމީ ތަރިންނާ ދިމާކޮށް، އެ މީހުން ޓާގެޓަކަށް ހަދައި އެ މީހުންގެ ފިލްމުތަކާ ދެކޮޅަށް އެތައް ކެމްޕޭނެއް ވެސް ކުރަމުންދާ ކަމަށެވެ. އަދި ފިލްމު ތަރިންނާ ބެހޭ ގޮތުން އަސާސެއް ނެތް އެތައް ވާހަކައެއް ފަތުރުއި، ފިލްމީ ތަރިންނަށް ރައްދުކޮށް ވަރަށް ހުތުރު ބަހުން ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުންދާ ކަމަށް ބުންޏެވެ.
@fwicemum strongly condemns the ongoing trend of #BoycottBollywood and seek immediate protection against the #hooliganism in #theaters and the #threats to the producers pic.twitter.com/XCBNKEGI3G
— Federation of Western India Cine Employees (@fwicemum) January 6, 2023
އެފްޑަބްލިއުއައިސީއީ ބުނީ ބޮލީވުޑަކީ އަބަދު ބެސް އެތައް ބައެއްގެ ހުވަފެންތަކާ ގުޅިފައިވާ އިންޑަސްޓްރީއެއް ކަމަށާއި އެއީ ގައުމުގެ އިގުތިސާދުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އިންޑަސްޓްރީއެއް ކަމަށެވެ. އެހެންވެ ބޮލީވުޑާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކީ އިންޑިއާގެ އިގުތިސާދަށް ނޭދެވޭ އަސަރުކޮށް، އެތައް ބައެއްގެ ވަޒީފާ އަށް ނޭދެވޭ އަސަރު ކުރނެ ކަމެއް ކަމަށް ބުންޏެވެ. އެހެންވެ ބޮލީވުޑާ ދެކޮޅަށް ހިންގާ ކެމްޕޭންތައް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ސަރުކާރުން ހުއްޓުވައި ދޭން އެފްޑަބްލިއުއައިސީއީ އިން އެދިފައިވެ އެވެ.
އެތަނުން މިގޮތށް އެދިފައި މި ވަނީ މި މަހުގެ 25 ގައު ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" އާ ދެކޮޅަށް ވެސް ވަރުގަދަ ކެމްޕޭންތަކެއް ކުރަމުން ދަނިލޮށެވެ.
ދެހާސް ވިހީގައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވުމާ ގުޅިގެން ވެސް ބޮލީވުޑާއި އެ އިންޑަސްޓްރީގެ ނުފޫޒު ގަދަ އެތައް ބައެއްގެ މައްޗަށް އަސާސެއް ނެތް އެތައް ތުހުމަތުތަކެއްކޮށް ބޮލީވުޑް ބޮއިކޮޓްކުރަން ގޮވާފައިވެ އެވެ. އޭރު ވެސް އެކަން ހުއްޓުވައި ދޭން ބޮލީވުޑްގެ އެތައް ބަޔަކު ސޮއިކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި އެވެ.