މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް 22،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރާ ޓޫރިޒަމް ދާއިރާގެ ހަފުތާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކުރީ ޖުމްލަ 22،297 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 20،842 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެހެންވެ މިދިޔަ އަހަރާއި އަޅާކިޔާ އިރު، މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތަކީ 7.0 ޕަސެންޓެވެ.
އަހަރު ފެށުނުތާ އިއްޔެ އަށް ހަފުތާ އަށް ވެފައިވާ އިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 4،402 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މި އަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަކީ ވެސް ރަޝިއާގެ މީހެއްކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މިހާރު ޓޮޕް 10 މާކެޓަށް ބަލާ އިރު، ކުރިން އެއް ވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ތިން ވަނައިގަ އެވެ. ދެވަނައިގައި އޮތީ އިޓަލީ އެވެ. ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތް އިރު، ފަސް ވަނައިގައި އޮތީ ޖަރުމަނެވެ. ހަ ވަނައިގައި އެމެރިކާ އޮތް އިރު، ހަތް ވަނައިގައި އޮތީ ކަޒަކަސްތާނެވެ. އަދި އަށް ވަނައިގައި ފްރާންސް، ނުވަ ވަނައިގައި ސްވިޓްޒަލޭންޑް އަދި 10 ވަނައިގައި ސްވިޑްން އެވެ.
ރާއްޖޭގެ މިހާރުގެ އަމާޒަކި އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1،675،294 ޒިޔާރަތްކުރި އެވެ.