އެމެރިކާގެ ސްކޫލެއްގައި ދަރިވަރަކު ބަޑިން ހަމަލާ ދިން ޓީޗަރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އުމުރުން 30 ވަރަކަށް އަހަރުގެ ޓީޗަރު އެބީ ޒިވާނާގެ ގަޔަށް ބަޑި ޖެހީ ހަ އަހަރު ކުއްޖެކެވެ. މި ހާދިސާ އިއްޔެ ހިނގީ ވާޖިނިއާގެ ނިއުޕޯޓް ނިއުސްގެ ރިޗްނެކް އިލެމެންޓްރީ ސްކޫލްގަ އެވެ. ޓީޗަރުގެ ގަޔަށް ބަޑި ޖެހި ހާދިސާއާ ގުޅިގެން އޭނަ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ.
ނިއުސްޕޯޓް ނިއުސްގެ މޭޔަރު ފިލިޕް ޖޯންސް ވިދާޅުވީ އެބީގެ ހާލު މިހާރު ރަނގަވަޅުން އައި ނަމަވެސް އޭނަ އަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.
"އޭނަގެ ހާލަތަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައި. އަހަރެމެންގެ ހެޔޮދުއާ ވަނީ ޓީޗަރާ އެކީ." އޭނާ ވިދާޅުވި އެވެ.
ތުއްތު ދަރިވަރެއްގެ ފަރާތުން އެބީ އަށް ލިބުނު ހަމަލާއާ ގުޅިގެން އޭނަ ތައުލީމު ހާސިލުކުރި ޖޭމްސް މެޑިސަން ޔުނިވަސިޓިން ވެސް ހިތާމަ ފާޅުކޮށްފައިވެ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި އެ ހާދިސާއާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެބީ އާއި އޭނަގެ އާއިލާއާ އެކީގައި ޔުނިވަސިޓީ ތިބި ކަމަށް ބުނެފައިވެ އެވެ.

ޓީޗަރަށް ހަމަލާދިން ދަރިވަރު ފުލުހުންގެ ބެލުމުދަށް ގެންގޮސް އެ މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެހެންވެ އެ ހާދިސާއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ދަރިވަރަށް ބަޑިއެއް ލިބުނު ގޮތެއް ވެސް ސާފެއް ނުވެ އެވެ.
ރިޗްނެކް އިލެމެންޓްރީ ސްކޫލަކީ 550 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.