އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވާ އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 6 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ތިން މީހަކު އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް މައުލޫމާތު ދިނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން އަންނަނީ ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.