Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ވެރިކަން ކުރެވޭނީ ކޯލިޝަން ދެމެހެއްޓޭ މީހަކަށް

ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ރާއްޖޭގައި ދެން ވެރިކަން ކުރަން ފަސޭހައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް އަދި ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގައި ވެރިކަން ކުރާނެ ގޮތެއް ހޯދައި ދިނުމަކީ ސިޔާސީ ލީޑަރުން ހޯދައި ދޭން ޖެހޭ އަގެއް ކަމަށެވެ.

"ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ދެން ރާއްޖޭގައި ވެރިކަން ކުރަން ފަސޭހައެއް ނުވާނެ." އިމްރާން ވިދާޅުވި އެވެ.

އޭނަ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ބޮޑު ކޯލިޝަނާ އެކީ ވެރިކަމަށް 2008 ގައި ވަޑައިގަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަހުން ކޯލިޝަން ރޫޅައިލި އެވެ. އަދި ދައުރުގެ މެދު ތެރެއިން 2012 ގައި އިސްތިއުފާ ވެސް ދެއްވި އެވެ.

މިހާރުގެ ރައީސް ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާ އެކީގަ އެވެ. އެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރްއެމް އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް ސޯލިހު ވަނީ ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތްކުރައްވައި ދައުރު ނިމެން ގާތްވަމުން އަންނަ އިރު، އެކަން ކާމިޔާބު ވެސް ކުރައްވައިފަ އެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވި ފަހުން މަޖިލީހުގެ ރައީސްގެ މަގާމާއި އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވެސް ވަނީ އަލުން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތުން ނަޝީދު ވާދަކުރައްވާތީ އެމްޑީޕީން ޕްރައިމަރީ އަށް ހުޅުވާލައި، ޕްރައިމަރީ އަށް މިހާރު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދާއި ރައީސް ސޯލިހެވެ.