Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

ނ. އަތޮޅުގެ ދެ ރަށެއް ވިއްކާލާ ކަމަށް ބުނެ ކޯޓަށް

ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު އަދި ރައީސް ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ނ. ކެނދިވަރު އަދި ނ. ކަނޑޫދޫ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ނ. އަތޮޅު ކައުންސިލްގެ ފަރާތުންނެވެ.

ނ. ކެނދިވަރު އަދި ނ. ކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދީފައެވެ.

ބަޝީރު ވިދާޅުވީ މި ރަށްތަކުގެ މައްސަލައިގައި އެއްވެސް މުއާމަލާތެއް ހިންގާފައިވާނަމަ އެކަން ކޮށްފައިވަނީ އަތޮޅު ކައުންސިލާއި ރައްޔިތުންނަށް އެނގުމެއް ނެތި ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި މިކަމާ ގުޅުންހުރި މައްސަލަތައްވެސް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މުއާމަލާތެއް ހިނގާފައިވާނަމަ އެވަނީ ގާނޫނާ ހިލާފަށް އަތޮޅު ކައުންސިލަށާ ރައްޔިތުންނަށް އެނގުމެއްނެތި ކުރިއަށް ގެންގޮސްފައި. މިކަން ކުރަމުންދާ ބައެއް ބަލާ ތަހުގީގުކޮށް މިކަން ހުޓުވުމަށް ޝަރީއަތުންނާ އެހެން އިދާރާތަށް މެދުވެރިކޮށް މަސައްކަތްކުރަން ފަށާފަވާނީ. އަދި ކޮރަޕްޝަނަށް މަގުފަހިވާކަމެއް ނުވަތަ ގާނޫނާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން މެދުވެރިކޮށްވިޔަސް ކޮށްފައިވާ މަސައްކަތްތަކަށް އެފަރާތްތަކުގެ މައްޗަށް ވަކިވަކި ދައުވާ އުފުލާނަން." އައްޑޫލައިވްއަށް މައުލޫމާތު ދެއްވަމުން ބަޝީރު ވިދާޅުވިއެވެ.

މި މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ނިންމާ ނ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ޑިސެމްބަރު 20 ވަނަ ދުވަހު ގަރާރެއްވެސް ފާސްކޮށްފައެވެ.

އެ ގަރާރުގައި ބުނެފައިވަނީ ކެނދިވަރު އަދި ކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 8 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި ނޫނު އަތޮޅު ކައުންސިލާ މަޝްވަރާކުރުމެއްނެތި ކަމުން، އަދި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވިގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭފަދައިން، އާއްމު ހައްގު ގެއްލޭގޮތަށް، "ނޫނު އަތޮޅު ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން" އާއި ކަނޑައެޅިގެން ހިލާފަށްކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ އެންމެންގެ އާއްމު ހައްގުތަކާއި މަންފާތަކުން މަހުރޫމުވަނޭ ގޮތަށް އެއްބަޔަކަށް "ސިންގަލް ޕާރސަލް" އުސޫލުން މުޅި ރަށާއި އެންމެހާ ވަސީލަތްތައް ދިގުމުއްދަތަށް ދޫކޮށް، ދެންތިބި އެންމެނަށް އެތަންތަން ބަންދުވާނޭ ގޮތަށް ދިނުމާއި އަތޮޅު ކައުންސިލުން ދެކޮޅު ކަމެއް ކަމަށެވެ. އަދި ނ. އަތޮޅުގެ ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނޫންކުރުމުގެ ޕްލޭނުގައިވާ ގޮތުގެ މަތީން އާއްމު ހައްގުތައް ހަމަހަމަ ގޮތެއްގައި އެންމެންނަށް ބޭނުން ކުރެވޭނެ ގޮތަކަށް، ވިޔަފާރީގެ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި އެންމެނަށް ލިބޭނޭ ގޮތަކަށް މެނުވީ ނ. އަތޮޅު ބިން ބޭނުންކުރުމާ އަތޮޅު ކައުންސިލުން ދެކޮޅު ކަމަށެވެ.

ނ. ކެނދިވަރު އަދި ނ. ކަނޑޫދޫ ގެ މައްސަލައިގައި ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެކުރިން ނ. އަތޮޅު ކައުންސިލްގެ ފަރާތުން ނ. ތޮޅެންދޫގެ މައްސަލައިގައިވެސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ދެކޮޅަށް ދައުވާ ކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި ހުކުމެއް ކުރެވެންދެން ތޮޅެންދޫ ކުއްޔަށް ދޫކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފައިވެއެވެ. ސިވިލް ކޯޓުގެ އެ އަމުރަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވެއެވެ.