ބައްޕަ ޑޭވިޑް ބެކަމްގެ ފިޔަވަޅު މަތިން ފުޓްބޯޅައިން ކުރިއަށްދާ ރޯމިއޯ ބެކަމް އާ ކުލަބަކާ ގުޅިއްޖެ އެވެ.
އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ލޯނު އެއްބަސްވުމެއްގެ ދަށުން އަލަށް ގުޅުނީ އިނގިރޭސިވިލާތުގެ ބްރެންޓްފޯޑްގެ ބީ ޓީމާ އެވެ. މިއާ އެކީ އޭނަ އަށް ޕްރީމިއާ ލީގްގެ މެޗްތަކާއި ގައުމުން ބޭރުގައި ޓިމް ކުޅޭ މެޗްތަކުން ވެސް ފުރުސަތު ފަހިވެގެން ދާނެ އެވެ. ރޯމިއޯ ކުރިން ކުޅެމުން އައީ އާންމުކޮށް އެމްއެލްސް ނެކްސް ޕްރޯ ލީގްގައި ކުޅެމުން އަންނަ އެމެރިކާގެ ޓީމް، އިންޓަ މަޔާމީ އެފްސީ ދޭކަށެވެ. މި ޓީމަކީ ހިންމުގުމުގައި ބެކަމް ވެސް ހިއްސާވާ ޓީމެކެވެ.
ބްރެންޓްފޯޑާ ގުޅުމަށް ފަހު ރޯމިއޯ ބުނީ މިއީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
"މި ޓީމާ ގުޅުމަކީ ފަހުރެއް ވެސް މެ. އޮފް ސީޒަނުގައި އެ ޓީމާ ގުޅުމުގެ ފުރުސަތު ލިބުމަކީ ކުރިއަށް ހުރި މުބާރާތްތަކަށް ފިޓްވާން ވެސް ލިބުނު ރަނގަޅު ފުރުސަތެއް،" އޭނާ ބުންޏެވެ. "އެމެރިކާގެ ޓީމަކަށް ކުޅެފައި އުފަން ގައުމުގެ ޓީމަކާ ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވެސް. ކުރީގެ ޓީމާ އެކީ ވެސް އުފާވެރި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވޭ. ގައުމުން ބޭރާއި ގައުމުގައި ހުނަރު ދައްކާލަން ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު އުފަލެއް."
ދަރިފުޅު އާ ޓީމަކާ ގުޅުމުން ބެކަމް ވެސް އެކަން ފާހަގަކޮށް، އާ ޓީމްގެ ޖާޒީ ހިފައިގެން ރޯމިއޯއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމް ސްޓޯރީގައި މަރުހަބާ ކިޔާފައިވެ އެވެ.
"އާ އަހަރަކާ އެކީ އާ ފެށުމެއް މިއޮތީ. ވަރަށް ފަހުރުވެރިވޭ." ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ބުންޏެވެ.
ރޯމިއޯ އަކީ ބެކަމް، 47، އާއި ކުރީގެ މަޝްހޫރު އަންހެން މިއުޒިކް ބޭންޑް، "ސްޕައިސް ގާލްސް" ގެ ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމް، 48، ގެ ހަތަރު ކުދިންގެ ތެރެއިން ދެވަނަ ކުއްޖާ އެވެ. ރޯމިއޯގެ ދޮށްޓަށް ހުންނަނީ މިދިޔަ އަހަރު ކައިވެނި ވެސް ކޮށްފައިވާ ބްރޫކްލީން ބެކަމް، 23، އެވެ.
އެ އާއިލާގައި ދެން ތިބެނީ ކްރޫޒް ބެކަމް، 17، އާއި ހާޕާ ބެކަމް، 11، އެވެ.