ދެހާސް ވިހީގެ ކުރީކޮޅު ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ޗައިނާގެ ބޯޑަރު ބަންދުކުރި ފަހުން ފުރަތަމަ ފަހަރަށް އާންމުކޮށް މިއަދު ބައިނަލްއަގްވާމީ ދަތުރުތަކަށް ބޯޑަރު ހުޅުވާލައިފި އެވެ.
މިއާ އެކީ އެ ގައުމަށް ދަތުރުކުރާ މީހުން ކަރަންޓީނުވާކަށް ވެސް ނުޖެހޭނެ އެވެ. އެކަމަކު ދަތުރުކުރާ މީހުންގެ އަތުގައި ފުރުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ނެގަޓިވް ޓެސްޓެއް އޮންނަން ޖެހެ އެވެ. ޗައިނާގެ ބޯޑަރު ތިން އަހަރެއްހާ ދުވަސް ފަހުން އާންމުކޮށް ހުޅުވައިލި ނަމަވެސް އެ ގައުމުގެ ޓޫރިސްޓުން އެހެން ގައުމުތަކަށް ޒިޔާރަތްކުރުމުގައި އެކި ގައުމުތަކުން ހާއްސަ ފިޔަވަޅުތަކަކަށް އަމަލުކުރަން ޖެހޭ ގޮތަށް ނިންމާފައިވެ އެވެ.

ޗައިނާގެ ބޯޑަރު އަލުން ހުޅުވައިލި އިރު، މި މަހުގެ 18 އިން ފެށިގެން އެ ގައުމުގެ ތިން އެއާލައިނަކުން ރާއްޖެ އަށް ވެސް ދަތުރުތައް ފަށަން ހަމަޖެހިފައިވެ އެވެ. ޗައިނާ އަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.
އެ ގައުމު ހުޅުވާލި އިރު، ކޮވިޑްގެ ހާލަތު އަދިވެސް އޮތީ ކަންބޮޑުވާ ފައްތަރެއްގަ އެވެ. އަނެއްކޮޅުން ގައުމީ ހަގީގީ ހާލަތު ޗައިނާ ސަރުކާރުން ސިއްރުކުރާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ތަކުރާރުކޮށް އެކި ފަހަރު މަތިން ބަލީގެ ހާލާތުގެ ސައްހަ މައުލޫމާތު އާންމުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާ އިން ޗައިނާ އަށް ގޮވާލާފައިވެ އެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާގެ ބޯޑަރު ހުޅުވުމާ އެކީ އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ ގައުމަކީ ކޮވިޑް އުފަންވި ތަން ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގައުމެވެ.