Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ ރައްޔިތުން ރައީސަށް އިތުރު ދައުރެއް ދޭންޖެހޭ

މޭޔަރު އަލީ ނިޒާރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ރައްޔިތުން ދެވަނަ ދައުރެއް ދޭންޏާ ދޭންވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދުގެ ރަނިންގް މޭޓަކަށް އައްޑޫ ބޭފުޅަކު ނަންގަވާނެ ކަމަށް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު ކުރިއަށްދާ އެމްޑިޕީ ރިޔާސީ ޕްރައިމަރީގެ ހަރަކާތްތަކާއި ކެމްޕެއިންތަކާއި ގުޅިގެން "އައްޑޫލައިވް" އާއި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ދައުރުގެ 2 ދެއަހަރު ދިޔައީ ކޯވިޑުގެ ހާލަތުގައި ނަމަވެސް، އައްޑޫގައި ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓިފައި ނުވާ ކަމަށެވެ. އަދި މިދަތި ހާލަތުގައިވެސް އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫއަށް މިދައުރުގެ ތެރޭގައި ކޮށްދީފައިވާ ކަންތަކަށް ބަލާއިރު އިތުރު 5 އަހަރުގެ ދައުރެއް ރައީސް ސާލިޙްއަށް ދޭން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި މިދުވަސްވަރު ގަދަވެފައިވާއިރު، މީގެ ކުރީންވެސް ނިޒާރު ވަނީ ރައީސް ސާލިޙްއަށް ތައީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.