Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ބްރެޒިލްގެ ރައީސްގެ ގަނޑުވަރަށް އާންމުން ވަދެގެންފި

މިދިޔަ އޮކްޓޫބަރު މަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބުން ބަލިވި އެގައުމުގެ ކުރީގެ ރައީސް ޖައީ ބޮލްސޮނާރޯގެ ސަޕޯޓަރުން ބްރެޒިލްގެ އޮފީސްތަކަށް ވަދެގަނެ ހަމަނުޖެހުން ހިންގައިފި އެވެ.

ބޮލްސޮނާރޯގެ ބަލިކޮށް ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ލޫލާ އެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ބޮލްސޮނާރޯ ދެކޮޅު ހަދާފައިވާއިރު އޭނާގެ ސަޕޯޓަރުން ފާއިތުވި ދުވަސްތަކުގައި ވެސް ވަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުންތައް ހިންގާފަ އެވެ. ރިޔާސީ ދައުރު ނިމުމާއެކު ބޮލްސޮނާރޯ ވަނީ އެމެރިކާ އަށް ފުރާވަޑައިގެންފަ އެވެ.

ބޮލްސޮނާރޯ އަށް ތާއީދުކޮށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން އިއްޔެ ވަނީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހާއި އެގައުމުގެ ސުޕްރީމް ކޯޓު އަދި އެގައުމުގެ ވެރިރަށް ބްރެސީލިއާގައި ހުންނަ ރައީސްގެ ގަނޑުވަރަށް ވެސް ވަދެގަނެ ހަމަނުޖެހުން ހިންގާފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ ގަނޑުވަރުގެ ސެކިއުރިޓީ ރޫމުން ބައެއް ހަތިޔާރު ވެސް ވަގަށް ގެންގޮސްފަ އެވެ. މި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 3،000 އެއްހާ މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒިލްގެ ރައީސްގެ ގަނޑުވަރަށް އާންމު ވަތްއިރު އެގައުމުގެ ރައީސް ލޫލާ މިވަގުތު ހުންނެވީ ބްރެޒިލްގެ ސައޮޕޯލޯ ސިޓީގަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރިއިރު ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބްރެޒިލްގައި އަމަން ގާއިމުކުރަން އެގައުމުގެ ސަލާމަތީ ބާރުތަކަށް ލޫލާ ވަނީ އަމުރުކުރައްވާފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ބްރެޒިލްގެ ރައީސް ވިދާޅުވީ މިކަމަށް ފައިސާ ހަރަދުކުރި ފަރާތްތަކާއި މިކަމުގައި ބައިވެރިވި އެންމެން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އަދި މި ހަމަނުޖެހުންތައް ހިންގުމުގައި ފުލުހުންގެ ދައުރެއް އޮތް ކަމަށްވެސް ލޫލާ ތުހުމަތު ކުރެއްވި އެވެ.