Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބާސާ އަށް ތިން ޕޮއިންޓްގެ ލީޑެއް

އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 16 މެޗުން ލިބުނު 41 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ރޭގެ މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ބާސާ އަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. ގަވީ ދިން ޕާހަކުން ޑެމްބެލޭ މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އޭގެ އިރުކޮޅެއްފަހުން ބާސާގެ ލީޑު ފުޅާކޮށްލަން ޕެޑްރީ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އެތްލެޓިކޯގެ ގޯލްކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ އެތްލެޓިކޯގެ އެންޓުއާން ގްރިޒްމަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ ބާސާގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބާސާގެ ފެރަން ޓޮރޭސް އަދި އެތްލެޓިކޯގެ ޑިފެންޑަރު ސަވިޗް އަށް ދެއްކި ރަތްކާޑާއެކު ދެ ޓީމުން ވެސް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކީ ހިނގި ކުރިމަތިލުމެއްގެ ސަބަބުންނެވެ.