މިދިޔަ މަހު ރިލީޒްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ 1.7 ބިލިއަން ޑޮލަރަށް އަރައިފި އެވެ.
ޑައިރެކްޓަރު ޖޭމްސް ކެމެރޮން 2009 ގައި ގެނެސްދިން "އެވަޓާ" ގެ ސީކްއެލް މިހާރު ވެފައި ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި ހަތް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އެ ރެކޯޑް ކުރިން އޮތީ 2015 ގައި ރިލީޒްކުރި "ޖުރަސިކް ވޯލްޑް" އަށެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 1.672 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމުގެ އިތުރު ބައެއްގެ ގޮތުގައި މިދިޔަ އަހަރު ގެނެސްދިން "ޖުރަސިކް ވޯލްޑް ޑޮމިނަން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ތިން ފިލްމުގެ ތެރެއިން އެއް ފިލްމު ކަމެވެ. ޖުމްލަ 185 ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް 1.003 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މިދިޔަ އަހަރު ދެން ބިލިއަން ޑޮލަރަށް އެރި ފިލްމަކީ ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" އެވެ. ޖުމްލަ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓޮޕް ގަން: މެވެރިކް" އަށް 1.488 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ އިއްޔެއާ ހަމައަށް ވަނީ 1.708 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއާ އެކު މި ފިލްމުވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ.
ހޮލީވުޑްގެ ޙަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ދެ ބިލިއަނަށް ވެސް އަރާނެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ ފުރަތަމަ ބަޔަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުކަމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވަޓާ" އަށް ޖުމްލަ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ބެލެވޭ ގޮތުން "އެވަޓާ" ހަދާފައި އޮތް ރެކޯޑް ވެސް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ވަރަށް އަވަހަށް މުގުރައިލާނެ އެވެ.
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެ ވަނަ ފިލްމުގެ ރެކޯޑް ވެސް އޮތީ ކެމަރޮންއަށެވެ. އެއީ އޭނަ 1997 ގައި ގެނެސްދިން "ޓައިޓޭނިކް" އާ އެކީގަ އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް 2.202 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމަކީ ރުސޯ ބްރާދާސް 2019 ގައި ގެނެސްދިން "އެވެންޖާސް: އެންޑް ގޭމް" އެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.789 ބިލިއަން ޑޮލަރެވެ.