Last Updated: June 29, 11:41
Monday, June 29, 2026

އެކްސިޑެންޓްވި ޒުވާނާގެ ފައިގެ އިނގިއްޔެ ވަކިވެއްޖެ

މޮޓޯ ކޭޑްގައި ޖެހުނު ސައިކަލް. ސައިކަލް ދުއްވި ޒުވާނާގެ ފައިގެ އިނގިއްޔެ ވަނީ ވަކިވެފައި. ފޮޓޯ: އައްޑޫލައިވް

އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރި ލާއޯސް އާއި އަފްއާނިސްތާންގެ ޓީމް ގޮވައިގެން ދިޔަ މޮޓޯކޭޑާއި އެކްސިޑެންޓްވި ޒުވާނާގެ ފައިން އިނގިއްޔެ ވަކިވެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޮޓޯކޭޑްގައި ޖެހުނު ސައިކަލް ދުއްވަން އިނީ ސ.ފޭދޫ، ކިއުޕިޑް، މުހައްމަދު ޒިޔާން 22އެވެ.

ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ޒިޔާންގެ ފައިގެ އިނގިއްޔެ ވަކިވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގެ އެކިތަންތަން މަށައިގެން ދިއުން ފިޔަވައި ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މިހާދިސާގައި އަފްޢާނިސްތާން ޓީމްގެ 5 ކުޅުންތެރިއަކަށާއި 2 އޮފިޝަލެއްގެ އިތުރުން 5 ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދުން ކޭޑް ދަތުރުކުރަމުންދަނިކޮށް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއް ކުއްލިއަކަށް ކޭޑުކުރިމަތިން ހުރަސްކުރަން އުޅެނިކޮށްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާ ލިބުނު އަފްއާނިސްތާންގެ 5 ކުޅުންތެރިންގެ ތެރެއިން 4 ކުޅުންތެރިއަކު ދޫކޮށްލާފައިވާއިރު އެޓީމްގެ 7 ނަންބަރަށް ކުޅެމުންދާ ކުޅުންތެރިއާގެ އުނަގަޑަށް ގެއްލުންވެފައިވާތީ އަދިވެސް އޭނާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މިހާދިސާގައި އަނިޔާވި ފުލުހުން މިރޭ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.