މިސްކިތްތައް މަރާމާތަށް ސަރުކާރުން މާލެ ސިޓީ ކައުންސިލުން ފަންޑް ރައިޒިން ހަރަކާތްތައް ބާއްވައިގެން ފަންޑް ހޯދާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ކައުންސިލަށް ތިން މިލިއަން ދީފައިވާނެ އެވެ. ނަމަވެސް އެ ފައިސާ ބޭނުންކުރާ ގޮތުގެ ތަފުސީލު ކައުންސިލުން ހާމަނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މާލެ ކައުންސިލުން ފަންޑް ހޯދަން މި ހަފުތާގައި ބަންދުގައި "ޗާލު މިސްކިތް" ނަމުގައި ބޭއްވި ހަރަކާތްތަކުން 700،000ރ. އަށް ވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކުރިން މިސްކިތްތަކުގެ މަރާމާތަށް 10 މިލިއަން ހަރަދުކޮށްފައިވާ އިރު، މަރާމާތުތަކަށް މިހާރު މަދުވެގެން 9 މިލިއަން ރުފިޔާ ބޭނުންވެ އެވެ.
ނަމަވެސް މިސްކިތްތަކުގެ މަރާމާތަށް ކައުންސިލަށް ސަރުކާރުން ހަމަޖައްސައުދޭ ފައިސާ އަށް ވާ ގޮތެއް ސާފު ނުވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުލުރުމުން މޭޔަރު ރައްދުގައި ވިދާޅުވީ ދިން ފައިސާ ބޭނުން ކުރީ ސީދާ މަރާމާތުތަކަށް އެކަމުގެ ރިޕޯޓު ވެސް އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
Eheetherikan nudhin miskiythah belehettumah @MaleCitymv in kuramun dhaa masakkaithakuge kharadhu ge thafseel (2/2)#ChaaluMiskiy https://t.co/OkkalaPjEY
— Dr Mohamed Muizzu (@MMuizzu) January 8, 2023
ޑރ. ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު ވެސް އެއް މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދޫކޮށް، އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށަހެޅުމަށް އެންގި ނަމަވެސް އެ ރިޕޯޓް ކައުންސިލުން ނުފޮނުވާ ކަމަށެވެ. އެ ފައިސާ ކައުންސިލުގައި ހުރި ކަމަށް ފަހުން ކައުންސިލުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ 2020-2022 ގެ ނިޔަލަށް މިސްކިތްތަކުގެ މަރާމާތަށް އިސްލާމިކް މިނިސްޓްރީން ދިނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާ އިން ހުރިހާ މިސްކިތްތަކުގެ މަސައްކަތް ނުނިންމޭނެ ކަމަށް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން، ހަގީގަތް ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހިނގާފައިވާ ހަރަދުތަކުގެ ތަފްސީލު ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ދެ މިލިއަން ޖަމާކޮށްދިނުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފަ އެވެ. އެކަމަކު، އެ މިނިސްޓްރީން އެ ފައިސާ ކައުންސިލާ ހަވާލުކޮށްފައި ނުވާކަމަށް މޭޔަރު ވިދާޅުވި އެވެ.
ދެ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދަން ކައުންސިލުން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ހަރަކާތުން އާންމުން ވަނީ ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފަ އެވެ.