Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ނީލަން ފިހާރައިގައި ރޯވެއްޖެ

މާލޭގެ ނީލަން ފިހާރައިގައި ރޯވެ އަނދަމުން އެބަދެ އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ވަރަށް ބޮޑަށް އެތަނުގައި ރޯވެފައިވެ އެވެ. ނަމަވެސް ރޯވީ ސީދާ ކޮން ވަގުތެއްގައިކަމާއި ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެގެން ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު 5:43 ހާއިރު ކަމަށް ވެސް އެތަނުން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދުކޮށްފަ އެވެ.

ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޯވި ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ނީލަން ފިހާރައިގައި ރޯވެ، ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.