ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ދެވަނަ ފިލްމު "ހިނދުކޮޅެއް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ޗިއްޕެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ. އޭނަ ޑައިރެކްޓްކުރި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.
"ހިނދުކޮޅެއް" ގެ ލީޑް ތަރިންނަކީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ. ވަރަށް މީޑިއާ ނެޓްގެ ވީޑިއޯ ކްލަބަށް ގެންނަން ނިންމާފައިވާ ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ރަވީ ފާރޫގާއި މަރިޔަމް މަޖުދާ ވެސް ހިމެނެ އެވެ.
"ހިނދުކޮޅެއް" ގެ ޓްރެއިލާ މިއަދު އާންމުންނަށް ދޫކޮށްލި އިރު، މިދިޔަ ހަފުތާގައި މި ފިލްމުގެ ލަވަތަކުގެ ތެރެއިން "މި ހިތުގެ ރާނީ" ވެސް ވަނީ ދައްކާލާފައިވެ އެވެ.
ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 6 ގައި އަޅުވަން ހަމަޖެހިފައިވާ "ބީވީމާ" އެވެ. މިއީ އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭގެ ކާސްޓުންނަކީ މަރިޔަމް އަޝްފާ، އާޝާ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އާދަމް ޒިދާނެވެ.