Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށައިފި

ރާއްޖޭގައި މި ފަހުން އަލިފާންގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވާތީ އެފަދަ ކަންކަމާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ނީލަން ފިހާރައިގައި މިއަދު ވަރަށް ބޮޑަށް ރޯވެ، އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގު މާލެ އާއި އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ.

"އެހެންވެ މިކަމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ވެސް ބޭނުންވޭ." އޭނާ ވިދާޅުވި އެވެ.

ތަކުރާރުކޮށް މާލޭގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންދާ އިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އިމާރާތެއްގައި ރޯވެ އެތަނުގައި އުޅުނު 10 ބިދޭސީއަކު މަރުވެފައިވެ އެވެ. އަދި 2019 ގައި ވެސް މާލޭގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގައި އެތައް ގެއްލުމެއްވެފައިވެ އެވެ.