Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

އިދިކޮޅަކުން ސަރުކާރު ވައްޓާލާކަށް ނޫޅޭ

ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅުން ކޯލިޝަނުން ސަރުކާރު ވައްޓައިލަން ނޫޅޭ ކަމަށާއި ވެރިކަން ބަދަލުކުރާނީ ވޯޓަކުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އަދި މިހާރުގެ ރައީސް އިބްރާހީމް ސޯލިހަށް ތާއީދު ކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ދެއްކެވި ވާހަކަތަކަކާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމާއި ޕީއެންސީން ވެރިކަން ވައްޓާލައި، ގައުމުގެ ހަމަޖެހުން ނަގާލަން ނޫޅޭ ކަމަށެވެ.

"ވެރިކަން ބަދަލުކުރާނީ ވޯޓުން. ގައުމުގެ ހަމަޖެހުން އޮންނާނީ އޭރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ. "ޕީޕިއެމް/ޕީއެންސީގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތެއްގައި ރައްޔިތުންގެ ވެރިކަމެއް ކުރުން."

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނަކުން އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކަށް ކެމްޕޭން ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޑރ. ޑީޑީ ވަނީ ރައީސް ސޯލިހް ސަރުކާރު ބަޢާވާތަކުން ވައްޓައިލަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕީޕީއެމްގެ ތެރެއިން ކެމްޕޭންކޮށް ދެމުން އަންނަ ކަމަށެވެ. އެގޮތުން މި ސަރުކާރު ނިމުމަކަށް ގެންނަން ބޭނުންވާ ނަމަ ރައީސް ނަޝީދަށް ވޯޓު ދިނުމަށް ގޮވާލާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ ރަންރީނދޫ ލަޝްކަރު އޮތީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ފިސާރި ސާބިތުކޮށް ކަމަށެވެ.

"ޕީޕީއެމްގެ ތެރެއިން އަންނި އަށް ކެމްޕޭން ކުރަނީ ބަޢާވާތްކޮށްގެން ސަރުކާރު ވައްޓާލަން." ޑރ. ޑީޑީ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ތާވަލުކޮށްފައި އޮތީ މި މަހުގެ 28 އަށެވެ. އޭގައި ވާދަކުރައްވަނީ ނަޝީދާއި ރައީސް ސޯލިހެވެ.