Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރޯވި އެކޮމޮޑޭޝަންގެ ހާލަތު ކައުންސިލުން ބަލައިފި

ފަތިހު މާލޭގެ ނީލަން ފިހާރައިގައި ރޯވި ހާދިސާގައި އެތަނާ ކައިރީގައި ހުރި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްތަކުގެ ހާލަތު ކައުންސިލުން ބަލައިފި އެވެ.

އެތަނުގެ ހާލަތު ބަލަން މޭޔަރު ޑރ. މުހައްމަދު މުއިއްޒް ވަޑައިގެންނެވި އެވެ. އަލިފާނުގެ ހާދިސާގައި އެކޮމޮޑޭޝަން ބްލޮކްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އެ ތަންތަނުގައި 200 އެއްހާ ބިދޭސީން އުޅެމުން ދިޔަ އެވެ. އަލިފާން ރޯވި އިރު، އޭގެ ތެރެއިން ބައެއް މީހުން ތިބީ ޑިއުޓީގަ އެވެ. އަދި ބައެއް މީހުން ނިދާފައި ތިބި، ރޯވި އިރު ބައެއް ބިދޭސީން ތޮބީ ފަތިސް ނަމާދަށް ދިޔަ ގޮތަށް ބޭރުގަ އެވެ.

ނަމަވެސް މި ހާދިސާގައި ބިދޭސީއަކަށް ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ނުވެ އެވެ. އެ މީހުން މި ވަގުތު ތިބީ އިމާދުއްދީން ސްކޫލުގަ އެވެ.

ނީލަން ފިހާރައިގައި ރޯވި ހާދިސާގައި އެތަން ވަނީ އަނދައި އަޅިއަށްވެފަ އެވެ. ނަމަވެސް ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.