ސަނީ ޑިއޯލް އާއި ރަންބީރް ކަޕޫރް މި އަހަރު ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދެ ތަރިންގެ ފިލްމުތަކެއް މިހާރު އޮތީ އެއް ތާރީހެއްގައި ރިލީޒްކުރާ ގޮތަށް ތާވަލުކޮށްފަ އެވެ. އެއީ އޮގަސްޓް 11 އަށެވެ. އެ ތާރީހުގައި ސަނީގެ "ގަދަރު 2" އާއި ރަންބީރުގެ "އެނިމަލް" ސިނަމާތަކަށް ގެންނާނެ އެވެ. މި ދެ ފިލްމަކީ ވެސް މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ލިސްޓްގައި ހިމެނޭ އަދި ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ވެސް ކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދެ ފިލްމެވެ.
"ގަދަރު 2" އާއި "އެނިމަލް" އަކީ ޖޯންރާގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމެވެ. އެކަމަކު ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރުންވެފައި އޮންނަނީ ބޮކްސް އޮފީހުގެ ހަނގުރާމައަށެވެ. އެހެންވެ މި އަހަރުގެ އޮގަސްޓް 11 އަކީ ރަންބީރާއި ސަނީގެ ތަޅާފޮޅުންގަނޑަކަށް ވެދާނެ އެވެ.
"ގަދަރު 2" އަކީ ސަނީ އާއި އަމީޝާ ޕަޓޭލްއާ އެކު ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން ލޯބީގެ ވަތަނީ ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މި ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި ސަނީ، 65، ގެ ކެރިއަރުގެ އެންމެ ބޮޑު ހިޓެވެ.
ރަންބީރް، 40، ގެ "އެނިމަލް" އަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ޑާކް ތުރިލާއެކެވެ. މީގެ ކާސްޓްގައި ސަނީގެ ކޮއްކޮ ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރާއި ރަޝްމިކާ މަންދަނާގެ އިތުރުން ޓްރިޕްތީ ދިމްރީ ހިމެނެ އެވެ.
ސަނީ އާއި ރަންބީރްގެ ފިލްމު އެއް ތާރީހެއްގައި ގެނެސްދޭ ގޮތަށް އަދި އޮތް ނަމަވެސް ފަހަރުގައި ތާރީހަށް ބަދަލު އައުމަކީ ވެސް ވެދާނެ ގޮތެކެވެ. ބޮލީވުޑްގައި މި ގޮތަށް ބޮޑު ދެ ފިލްމެއް އެއް ދުވަހަކަށް ގެނެސްދޭ ގޮތަށް އޮތަސް، ފަހު ވަގުތު ކޮންމެވެސް އެއް ފިލްމެއް ރިލީޒްކުރުން އަވަސްކޮށް ނުވަތަ ފަސްކުރުމަކީ ވެސް އާންމުކޮށް ހިނގާ ކަމެކެވެ.