Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

166 ބިދޭސީއަކު ހާލުގައި ޖެހިއްޖެ

މާލޭގެ ނީލަން ފިހާރައިގައި ރޯވެ އެތަނުގެ ކައިރީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްތަކެއް ވެސް އަނދައިގެން ދިއުމާ ގުޅިގެން 166 މީހަކު ހާލުގައި ޖެހިއްޖެ އެވެ.

އެ ބްލޮކްތަކުގައި ދިރިއުޅެމުން އައީ ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާ މީހެކެވެ.

އަލިފާންގެ ހާދިސާއާ ގުޅިގެން ބިދޭސީ މުވައްޒަފުން ހާލުގައި ޖެހުމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހި ހަމަޖެއްސުމަށް މިހާރު މަމަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ފެނިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލި ގޮތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ޖެހުނީ ގިނަ ބަޔަކަށް ކަމަށްވާތީ އެފަދަ އިންތިޒާމެއް ކައުންސިލަށް ހަމަޖައްސައިދޭން ދަތިތަކެއް ވެސް އެބަހުރި ކަމަށެވެ. އެހެންވެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ވަގުތު އިމާމުއްދީން ސްކޫލްގައި ތިބި ބިދޭސީ މުވައްޒަފުންނަށް މިހާރު ފެނާއި ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ނީލަން ފިހާރަ އާއި އެކޮމޮޑޭޝަން ބްލޮތަކާއި އެތަނުގައި އުޅުނު މީހުންގެ ހާލަތު ބައްލަވާލައްވައިފަ އެވެ.