މި އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެ އަށް 37،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އަހަރުގެ ފުރަތަމަ ހަތް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ޖުމްލަ 37،209 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12.7 ޕަސެނޓްގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 7،570 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ދެވަނައިގައި އޮތް އިޓަލީން 5،423 ޓޫރިސްޓުން އައިސްފައިވާ އިރު، ކުރިން އެއް ވަނައިގައި އޮއްވައި އާ އަހަރާ އެކީ ތިން ވަނަ އަށް ވެއްޓުނު އިންޑިއާ އިން އައިސްފައި ވަނީ 2،921 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މިހާރު ޓޮޕް 10 މާކެޓަށް ބަލާ އިރު، ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތް އިރު، ފަސް ވަނައިގައި އޮތީ ޖަރުމަނެވެ. ހަ ވަނައިގައި އެމެރިކާ އޮތް އިރު، ހަތް ވަނައިގައި އޮތީ ކަޒަކަސްތާނެވެ. އަދި އަށް ވަނައިގައި ފްރާންސް، ނުވަ ވަނައިގައި ސްވިޑްން އަދި 10 ވަނައިގައި ސްވިޓްޒަލޭންޑް އެވެ.
ރާއްޖޭން މި އަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1،675،294 ޒިޔާރަތްކުރި އެވެ.