Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފުވައްމުލަކުގެ 400 ހައުސިން ޔުނިޓެއް ބީލަމަށް

ފުވައްމުލަކުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 2,100,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބިޑުތައް ބަލައގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

އާބާދީގައި 12،000 އެއްހާ މީހުން އުޅޭ ފުވައްމުލަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގި އެވެ. އޭރު އެ ސިޓީގައި 150 ފްލެޓް ހަދާފައިވެ އެވެ.

މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުވައްމުލަކުގައި 800 ހައުސިން ޔުނިޓް އަޅާނެ ކަމަށް ބުނެފައިވެ އެވެ. މި ފަހަރު ބީލަމަށް މި ހުޅުވައިލި 400 ޔުނިޓަކީ އޭގެ ތެރެއިން ދެބައިކުޅަ އެއްބަ އެވެ.