Last Updated: March 28, 17:21
Thursday, March 28, 2024
ދުނިޔެ

ބުޅާތަކެއް އެޑޮޕްޓްކޮށްގެން ހިލޭ ދަތުރު

ތިން ބުޅަލެއް އެޑޮޕްޓްކޮށްގެ އެމެރިކާގެ އެއާލައިނަކުން ހިލޭ ދަތުރުތަކެއް ލިބޭ ވައުޗާތަކެއް ދޭން ނިންމައިފި އެވެ.

މި ފުރުސަތު ހުޅުވައިލީ އެމެރިކާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްރޮންޓިއާ އެއާލައިންސުންނެވެ. ލަސް ވެގަސްގެ އެނިމަލް ފައުންޑޭޝަނަށް މިދިޔަ މަހު ގެންދިޔަ ތިން ބުޅަލަށް ނަން ވެސް ދީފައި ވަނީ އެއާލައިންތަކެއްގެ ނަމުންނެވެ. އެއީ ފްރޮންޓިއާ އެއާލައިންސްގެ އިތުރުން ސްޕިރިޓާއި ޑެލްޓާ އެއާލައިންސެވެ. މި އެއާލައިންތަކަކީ ޖަނަވާރުންގެ ހިމާޔަތަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އެ އެއާލައިންތަކުގެ ފަހަތު ފިޔަގަނޑުގައި ޖަނަވާރުންގެ ތަސްވީރު ހިމަނާ އެއާލައިންތަކެވެ.

ތިން ބުޅަލުގެ ތެރެއިން ޑެލްޓާ އާއި ސްޕިރިޓް އެޑޮޕްޓްކުރާ މީހަކަށް 250 ޑޮލަރުގެ ދެވައުޗާ ލިބޭނެ އެވެ. އަދި ފްރޮންޓިއާ ކެއާ ބުޅާ އެޑަޕްޓްކުރާ މީހަކަށް 250 ޑޮލަރުގެ ހަތަރު ވައުޗާ ލިބޭނެ އެވެ. މި ވައުޗާތައް ބޭނުންކޮށްގެން މި އަހަރު ނިމުމުގެ ކުރިން ފްރޮންޓިއާ އެއާލައިންގައި ދަތުރުކުރެވޭނެ އެވެ.

މިފަދަ ފުރުސަތެއް ހުޅުވައިލުމާ ބެހޭ ގޮތުން އެ އެއާލައިނުން ބުނީ ޖަނަވާރުންނަށް އޮންނަ ލޯތްބާއި އަޅާލުން އިތުރުކޮށް، އެޑޮޕްޝަނަޑް ހިތްވަރުދޭން ހުޅުވާލި ފުރުސަތެއް ކަމަށެވެ.

"އަހަރެމެން ވަރަށް އުފާކުރަން އަހަރެމެންގެ އެއާލައިންގެ ނަން ވެސް ހިމެނޭ ގޮތަށް މި ބުޅާތަކަށް ނަން ދިނީމަ. އަދި މި ހުޅުވާލި ފުރުސަތާ އެކީ މި ތިން ބުޅާ އެޑޮޕްޓްކުރާ އަހަރެމެންގެ އެއާލައިނުން އިތުރު އިންސެޓިވްތަކެއް ވެސް ދެވޭނެ." ފްރޮންޓިއާ އެއާލައިންސް އިން ބުންޏެވެ.

ލަސް ވެގަސް އެނިމަލް ފައުންޑޭޝަނުން ބުނީ އެއާލައިންތަކަށް ނިސްބަތްކޮށް ނަން ދިން ބުޅަލަކީ އުތުރު ލަސް ވެގަސް އިން ފެނިގެން ބެލުމުގެ ދަށަށް ގެންދިޔަ ތިން ބުޅާ ކަމަށެވެ. އެ އެއްޗެހި ފެނުނު އުމުރަކީ ދެ ހަފުތާ އެވެ.