ރެއާލް މެޑްރިޑާއި ވޭލްސްގެ ގައުމީ ޓީމުން ފާހަގަވި ގެރެތް ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
ބޭލް ،33، ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމީ ވަރަށް ވިސްނުމަށްފަހު ކަމަށާއި ފުޓްބޯޅަ ކުޅުމުގައި ހޭދަކުރި 17 އަހަރުތެރޭ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ފެނިގެންދިޔަ ކަމަށެވެ.
— Gareth Bale (@GarethBale11) January 9, 2023
ބޭލް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 2006 ވަނަ އަހަރު ސައުތެމްޕްޓަން އިންނެވެ. އޭގެފަހުން ޓޮޓެންހަމަށް ބަދަލުވެ އެ ކްލަބުގައި ހަ އަހަރު ހޭދަކުރުމަށްފަހު ބޭލް 2013 ވަނަ އަހަރު ބަދަލުވީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑެވެ. ބޭލްގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދީ ރެއާލްގަ އެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު 3 ފަހަރު، ޗެމްޕިއަންސް ލީގު 5 ފަހަރު، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފަ އެވެ.
ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބޭތީ 2020 ވަނަ އަހަރު ލޯނެއްގެ ދަށުން އޭނާ ވަނީ އެއް އަހަރު ދުވަހަށް ޓޮޓެންހަމަށް އަނބުރާ އައިސްފަ އެވެ. ބޭލްގެ ކެރިއަރުގައި އެންމެފަހުން ކުޅުނީ އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީ އަށެވެ. އެޓީމާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގެ އެމްއެލްއެސް ކަޕް ހޯދާފަ އެވެ.
ވޭލްސްގެ ގައުމީ ޓީމަށް 111 މެޗު ކުޅެދީ 41 ގޯލު ކާމިޔާބުކޮށްދިން ބޭލް ވަނީ އެ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑް ކަޕްގައި ކުޅެފަ އެވެ.