Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް

އެމްއޭސީއެލް އަށް ޖައްސާފައިވާ ޖެޓްތަކެއް / ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ ދަށުން، ހިންގާ ވެލާނާ އެއާޕޯޓުގައި އެއަރ ޓްރެފިކް މޫވްމެންޓް ރެކޯޑެއް މިދިޔަ ހޮނިހިރު ދުވަހު ޤާއިމްކޮށްފިއެވެ.

ވެލާނާ އެއާޕޯޓުގެ އެއަރ ޓްރެފިކް މޫވްމެންޓް ރެކޯޑު ޤާއިމްވެގެން ދިޔައީ، އެއާޕޯޓަށް ޖައްސާ ވީލް ބޭސް ފްލައިޓް މޫވްމެންޓާއި ސީޕްލޭން މޫވްމެންޓު ހިމަނައިގެންނެވެ. މިގޮތުން އެއާޕޯޓުގެ އައު ރަންވޭ ބޭނުން ކުރަން ފެށި ފަހުން ރަންވޭގެ ރެކޯޑެއް މިދިޔަ ޑިސެމްބަރު މަހު ޤާއިމް ކުރިއެވެ. އޭރު 228 މޫވްމެންޓް ރެކޯޑު ކޮށްފައިވާއިރު، މިފަހަރު 251 ވީލް ބޭސް މޫވްމެންޓް ވަނީ ރެކޯޑުކޮށްފައެވެ. މިފަހަރު މޫވްމެންޓް އިތުރުވެފައިވަނީ ޖެޓުތަކާއިއެކުގައެވެ.

މީގެ އިތުރުން ސީޕްލޭން މޫވްމެންޓްވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އެދުވަހު ޖުމްލަ 605 ސީޕްލޭން ޖައްސާފައިވެއެވެ. ވެލާނާ އެއާޕޯޓަށް އެންމެ ގިނަ ސީޕްލޭން ޖައްސާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު 629 ސީޕްލޭން އެއްދުވަހުގެ ތެރޭ ވަނީ ޖައްސާފައެވެ.

ސީޕްލޭން ދަތުރުތަކާއި ވީލް ބޭސް މޫވްމެންޓް ތަކާއި އެކު ޖުމްލަ 856 މޫވްމެންޓް އެއާޓްރެފިކް މޫވްމެންޓުގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. އެންމެ ފަހުން މިދިޔަ އަހަރު ފެބްރުއަރީ ރެކޯޑު ޤާއިމް ކުރިއިރު، ޖުމްލަ ހަދާފައިވަނީ 839 މޫވްމެންޓެވެ.

އެމްއޭސީއެލް އެއަރ ޓްރެފިކް މޫވްމެންޓް އިތުރުވެފައިވާއިރު، އައު ރަންވޭގެ އިތުރުން ނޫވިލު ސީޕްލޭން ޓާމިނަލްވެސް ވަނީ މިހާރު ބޭނުން ކުރަން ފަށާފައެވެ.