Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޕާކިސްތާނުގައި ނޫސްވެރިން ތަމްރީނު ކުރަނީ

އެމްއެމްސީއާއި ޕާކިސްތާން އެމްބެސެޑަރާއި ދެމެދު ބޭއްވުނު ބައްދަލުވުން ./ ފޮޓޯ: އެމްއެމްސީ

ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީން ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާން އެމްބަސީއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ކޮމިޝަންގެ ރައީސް އަހުމަދު މުސްތަފާ އަދި ބައެއް މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާން އެމްބަސީގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމްބެސެޑަރ ވައިސް އެޑްމިރަލް ރިޓަޔަޑް މުހައްމަދު ފައްޔާޒް ގިލާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ނޫސްވެރިކަމުގެ ފަންނު ކުރިއެރުވުމަށް އެމްއެމްސީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މިމަޝްވަރާތަކުގައި ޕާކިސްތާނަށް ފޮނުވައިގެން ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށްވަނީ މަޝްވަރާ ކުރެވިފައެވެ. އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކުގައި ނޫސްވެރިން ބައިވެރިކޮށް، މިދާއިރާގެ ސްކޮލާޝިޕް ފުރުސަތު ހޯދުމަށް ޕާކިސްތާނާއި އެކު ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ތަޢުލީމީ މަރުކަޒުތަކުގެ މާހިރުން ގެނެސް ރާއްޖޭގައި ތަމްރީންތަށް ފެށުމަށްވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

އެމްއެމްސީއާއި ޕާކިސްތާން އެމްބެސެޑަރާއި ދެމެދު ބޭއްވުނު ބައްދަލުވުން ./ ފޮޓޯ: އެމްއެމްސީ

މިމަޝްވަރާ ބައްދަލުވުމުގައި އެމްބެސެޑަރ ގިލާނީ ވަނީ ޕާކިސްތާނުން ހޯއްދަވައި ދެވެން އޮތް ފުރުސަތުތަށް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މީގެ އިތުރުން ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފްމޭޝަން އެންޑް ބްރޯޑްކާސްޓިންގް އާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދެމެދު ފަހުނާމާއެއްގައި ސޮއިކޮށް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އެމްއެމްސީން ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގައި މަޝްވަރާތައް އެކި ފަރާތްތަކާއި އެކު ދަނީ ކުރަމުންނެވެ. މިގޮތުން މީގެ ކުރީން އިންޑިއާގެ ހައިކޮމިޝަނާއި އެކުވެސް މިފަދަ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.