Last Updated: June 29, 11:41
Monday, June 29, 2026
ރިޕޯޓް

"އެއާޕޯޓް ތަރައްޤީއަށް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ޖެެހޭ"

ރައީސް ނަޝީދު ހިތަދޫ ރޯޔަލް ޕްލަސް ގައި ހުންނަވައިގެން އައްޑޫލައިވްއަށް އިންޓަވިއު ދެއްވަނީ: ފޮޓޯ: އައްޑޫލައިވް

އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުގެ 70 ޕަސެންޓް ހިއްސާ އަމިއްލަ ފަރާތްތަކަށް ދޫކޮށްލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓްގެ 70 ޕަސެންޓް ހިއްސާ މިނިސްޓްރީ އޮފް ފިނޭންސްގައި ބާއްވައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ނުވެ އޮތުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ހިންގަން ބަލާ އިރު ގަން އެއާޕޯޓް ތަރައްޤީ ކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ވެސް 250 މީހުން ގޮވައިގެން އަންނަ ބޯޓު ފަހަރަށް ގަމުގެ ވައިގެ ބަނދަރަށް ޖެއްސޭ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓަށް އެބަޖެއްސޭ މެދުއިރުމަތިންވެސް، ހުޅަނގު ޔޫރަޕުން ވެސް އަދި އިންޑިއާގެ ޑެސްޓިނޭޝަން ތަކުންވެސް ޗާޓަރު ފްލައިޓްތައް. 250 މީހުން އެބަ ގެނެވޭ. ވީމާ ޗާޓަރު ފްލައިޓް އޮޕަރޭޓްކޮށްގެން ސީދާ ގަމަށް މިހާރުވެސް މިހާރު މިއޮތް ކެޕޭސިޓީގައި ވެސް މިކަން ކުރެވެން އެބައޮތް. އެހެން ނަމަަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ ވީހާ އަވަހަކަށް އެއާޕޯޓް ތަރައްޤީކޮށް އެއާޕޯޓް މަސައްކަތް ނިންމަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް މިހާރު ދާ ގޮތުން އަވަސް މުސްތަގްބަލެއްގައި މަސައްކަތް ނިންމިދާނެކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި ޕްރޮޖެކްޓަށް ބޭނުންވާ ޖުމްލަ ފައިސާ އަދި ހަމައެއް ނުޖެހޭ. އޭގައި އެބަހުރި މަދު މިންވަރެއް. އަޅުގަނޑަށް ފެންނަނީ އެފައިސާ ރެއިޒް ކުރުމަށްޓަކައި މިހާރު އޮތް ސަރުކާރުގެ ހިއްސާގެ ބޮޑު ބައެއް ސަރުކާރުން ވިއްކާލެއްވުމަށް. އާއްމުންނަށް. އަޅުގަނޑު ދެކޭ ގޮތުގައި ހިއްސާގެ ބާޒާރުގައި އެކަށީގެންވާ އަދަދަށް ގަން އެއާޕޯޓް ތަރައްޤީ ކުރުމަށް ރެއިޒް ކުރެވިދާނެ." އެ މަނިފާން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫ އެއާޕޯޓާއި އައްޑޫގެ ތަރައްޤީއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ޕަޓީއެއްގެ ގޮތުގައި އޮވެގެން އައްޑޫގެ އެއާޕޯޓް ކަންކަމުގައި ސަރުކާރު ޖަވާބު ދާރީ ކުރުވާނެކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އައްޑޫ ސިޓީ ކައުންސިލަށް ކުރެވިދާނެ ކަންކަންވެސް އެބަހުރި. އެއާޕޯޓްގެ ހިއްސާއަށް ބޭނުންވާ ފައިސާވެސް ރެއިޒް ކުރެވޭނެ. އަދި ކައުންސިލުން އެ ފައިސާ ހަރަދުކޮށްގެން އެއާޕޯޓް ނިންމޭނެ."

ލޯކަލް ކައުންސިލް އިންތިހާބްގެ ކުރިން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ރައީސް ޔާމީން އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ކަމެއް ކޮށްދެވެން ނެތިއްޔާ ސަރުކާރުގެ ހިއްސާ ދޫކޮށްލެއްވުމަށެވެ.

"ކަމެއް ކޮށްދެވެން ނެތިއްޔާ ހިއްސާ ދޫކޮށްލައްވާ، ސިޓީ ކައުންސިލަށް އެ ހިއްސާ ދެއްވާށޭ، ނޫނީ ވިއްކަވާށޭ، ސިޓީ ކައުންސިލުން އެހިއްސާ ގަންނާނެ ކަން އަޅުގަނޑަށް ޔަގީން. އޭރުން އެއާޕޯޓް ނިންމޭނެ މާދަމާ ވެސް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރަށް ކަމެއް ކޮށްދެވެން ނެތް އިރު 70 ޕަސެންޓް ހިއްސާ ހިފަހައްޓައިގެން ނުވާނެކަމަށެވެ.