Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ލޮރިސް ،36، ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ އޭނާގެ ފަރާތުން ޓީމަށް ހުރިހާ އެއްޗެއް ދެވުނު ކަމުގެ އިހުސާސާއެކު ކަމަށެވެ. އަދި ފްރާންސް ޓީމަކީ އެންމެ މީހެއްގެ މައްޗަށް ބިނާވެފައި އޮންނަ ޓީމެއް ނޫން ކަމަށާއި މިއީ އޭނާ އެއް ފަރާތަކަށް ޖެހިލަންވީ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ލޮރިސް ބުންޏެވެ.

އުމުރުން 21 އަހަރުގައި ލޮރިސް ފްރާންސްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިނީ 2008 ވަނަ އަހަރު އެވެ. ލޮރިސް ވަނީ ފްރާންސްގެ ގައުމީ ޓީމަށް ޖުމްލަ 145 މެޗު ކުޅެދީފަ އެވެ. ލޮރިސް ވަނީ 121 މެޗުގައި ފްރާންސް ޓީމުގެ ކެޕްޓަންކަން ވެސް އަދާކޮށްފަ އެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު ލޮރިސް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ލޮރިސް އިއުލާންކޮށްފައިވާއިރު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ 2026 ވަނަ އަހަރާ ހަމައަށް އެޓީމުގައި މަޑުކުރުމަށް ނިންމާ ކޮންޓްރެކްޓް އާކޮށްފަ އެވެ.