ކުޅުންތެރިން ގޮވައިގެން ދިޔަ މޮޓޯ ކޭޑްގައި ޖެހި އެކްސިޑެންޓްވި ސ.ފޭދޫ، ކިއުޕިޑް، މުހައްމަދު ޒިޔާން، 22 މަސްތުވާ ތަކެއްޗަށް ޕޮސިޓިވް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެކްސިޑެންޓްވި ޒިޔާންގެ ޔޫރިން ޓެސްޓް ކުރި އިރު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޓީމް ގޮވައިގެން ދިޔަ މޮޓޯ ކޭޑް ގައުކެޑި ބްރިޖް މަތިން އެކްސިޑެންޓް ވެފައިވަނީ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއް ކުއްލިއަކަށް ކޭޑުކުރިމަތިން ހުރަސްކުރަން އުޅެނިކޮށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ޒިޔާންގެ ފައިގެ އިނގިއްޔެ ވަކިވެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޝިފާން ވިދާޅުވީ އެކްސިޑެންޓްގައި އަތް ބިދުނު ފުލުސް މީހާގެ އަތުގެ ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށެވެ. އޭނާއަށް ދަނީ މާލޭގައި ފަރުވާ ދެމުންނެވެ.

މިހާދިސާގައި 4 ފުލުހަކަށާއި 1 ސިފައިންގެ މީހަކަށް އަނިޔާވެފައިވާ އިރު އަފްއާނިސްތާން ޓީމްގެ 5 ކުޅުންތެރިއަކަށާއި، 2 އޮފިޝަލަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ރެއިން ފެށިގެން އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.



