Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ގަސްތުގައި އަލިފާން ރޯކުރަނީތޯ ބަލަން ބޭރުގެ ޓީމެއް

ރާއްޖޭގައި ފަހަކަށް އައިސް އަލިފާނުގެ ބޮޑެތި ހާދިސާތައް ތަކުރާރުވަމުންދާތީ މިފަދަ ހާދިސާތަކަކީ ބަޔަކު ގަސްތުގައި ހިންގާ އަމަލުތަކެއްތޯ ބެލުމަށް ބޭރުގެ ފޮރެންސިކް ޓީމެއްގައި އެހީގައި ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ ނީލަން ފިހާރައިގައި އިއްޔެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ އިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ތަހުގީގަށް އެހީތެރިވުމަށް ބޭރުން ގެނައީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް ތަޖުރިބާކާރުންގެ ޓީމެއް ކަމަށެވެ. އަދި އަލިފާނުގެ ހާދިސާތައް އެއްވެސް ބަޔަކާ ގުޅުމެއް އޮތްތޯ ބަލަން އެ މީހުންނާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އަލިފާނުގެ ބޮޑެތި ހާދިސާތައް އިތުރުވާތީ މި ފަހުން މާލެ އާއި ރާއްޖޭގެ އެކު ހިސާބުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ކުރިއަށްދާ ކަމަށް ސީޕީ އިއްޔެ ވިދާޅުވި އެވެ. ނަމަވެސް އަލިފާނުގެ ހާދިސާތަކާއި ޓެރަރިޒަމްގެ އަމަލުތަކާ އެއްވެސް ގުޅުމެއް އޮތް ނެތް ކަމަށް
އޭނާ ވިދާޅުވި އެވެ.

މި ފަހުން ޓެރަރިޒަމާ ގުޅޭ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައިވާ އިރު، ތަންތަން ގޮއްވާލައި ގިނަ ބަޔަކު މަރައިލަން ރާވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް އަލިފާނުގެ އެންމެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ މާލޭގަ އެވެ. އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު މަރު ވެސް ވެފައިވެ އެވެ. މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ގުޅީފަޅުގައި ހުންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ސައިޓެއްގައި ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި އެވެ.