Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ރިތިކާއި ސަބާގެ ކައިވެނި މި އަހަރު

ރިތިކް ރޯޝަނާއި ސަބާ އާޒާދު މި އަހަރު ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުންގެ ގުޅުން މިހާރު ސިއްރެއް ވެސް ނޫނެވެ. އަނެއްކޮޅުން ރިތިކް، 49، ގެ އާއިލާގެ ރުހުން ވެސް ސަބާ، 37، އަށް ވަރަށް ބޮޑަށް ލިބިފައިވާ އިރު، ރިތިކްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނާއި ކުރީގެ އަންހެނުން ސުޒާން ޚާނާއި ސަބާގެ ގުޅުން ވެސް ވަރަށް ބަދަހި އެވެ.

ރިތިކާއި ސުޒާން ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. އަދި ކައިވެނި ރޫޅައިލީ 2014 އެވެ. ކައިވެންޏަށް ލިބިފައިވާ ދަރިންނަކީ ރިހާން ރޯޝަން، 16، އާއި ރިދާން ރޯޝަން، 14، އެވެ.

ރިތިކާއި ސަބާގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ 2021 ގެ ތެރޭގަ އެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އިންސްޓަގްރާމްގައި އެ ގުޅުން ރަސްމީކޮށްފައިވެ އެވެ. މީޑިއާތަކުން ބުނީ ރިތިކާއި ސަބާ މިހާރު ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ މި އަހަރު ކައިވެނި ވެސް ކުރަން ނިންމާފައިވެ އެވެ. އެކަމަކު އަވަސް އަރުވާލައިގެން ކައިވެނިކުރަން ބޭނުން ނުވާ ކަމަށާއި އެކަމަކު މި އަހަރު ނިމުމުގެ ކުރިން އެ ދެ މީހުންގެ ކައިވެނި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ މީހުންގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" އަށް ފަހު ރިތިކް މިހާރު އަންނަނީ މި މަހުގެ 25 ގައި ރިލީޒްކުރާ ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އާ ފިލްމު "ފައިޓާ" ގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ.

ރިތިކްގެ ބައިވެރިޔާ ސަބާ އަކީ މާ މަޝްހޫރު ނޫން ނަމަވެސް ބަތަލާއެއް އަދި ލަވަކިޔުންތެރިއެކެވެ.؛