އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީލާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 25 އިން ފެށިގެން މި މަހުގެ 8 އާ ހަމައަށް މުޒާހަރަކުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
🚨ޑިސެމްބަރު 25ން 8 ޖެނުއަރީއަށް މުޒާހަރާތަކުން
– 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
– 2 މީހުންނަށް 15 ދުވަސް މުއްދަތު ޖަހައިފި
– އެކަކު 30 ދުވަހަށް ގޭ ބަންދު (6ން 6ކަށް)
– 2 މީހުން 60 ދުވަހަށް ގޭބަންދު (6ން 6ކަށް)
– އުމުރުން ދުވަސްވީ އަންނެހުން ދަމާ ކޫއްތާ އަނިޔާކުރަނީ 1 pic.twitter.com/4CubXwpZQD— Heena Waleed 🇲🇻 (@HeenaWaleed) January 9, 2023
އޭނަ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ އިރު، މަސް ދުވަހަށް ގޭބަންދުކޮށްފައިވާ ކަމަށެވެ. އަދި ދެެ މީހަކު ދެ މަސް ދުވަހަށް ގޭބަންދުކޮށްފައިވާ އިރު، މުޒާހަރާއެއްގައި އުމުރުން ދުވަސްވީ އަންނެހަކު އަނިޔާވެރި ގޮތަކަށް ހައްޔަރު ވެސް ކުރި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މުޒާހަރާތައް ކުރަން ފެށީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ މަހުގެ ފަހުކޮޅު އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކީގަ އެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ޔާމީނަށް އިއްވީ ހަރާން ހުކުމެއް ކަމަށާއި އެ މަނިކުފާނު މިނިވަންކޮށްފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށެވެ.
ރޭ ވެސް މުޒާހަރާކުރި އެވެ. އެކަމަކު ރޭގެ މުޒާހަރާ އިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.