Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ހިންދީ "ނައިޓް މެނޭޖާ" ގެ ފަސްޓްލުކް ދައްކާލައިފި

މީގެ ހަތް އަހަރު ކުރިން ބީބީސީ ވަން އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ދަ ނައިޓް މެނޭޖާ" ގެ ހިންދީ ރިމޭކްގެ ފަސްޓްލުކް ދައްކާލައިފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދަން ނިންމާފައިވާ މި ސީރީޒްގެ ޓައިޓްލް ރޯލު ކުޅެނީ "އާޝިގީ 2" ގެ ބަތަލު އަދިތިޔާ ރޯއި ކަޕޫރެވެ. "ދަ ނައިޓް މެނޭޖާ" އޭނަ އަށް ލިބުމުގެ ކުރިން މި ސީރީޒް އެންމެ ފުރަތަމަ ހަދަން ވާހަކަ ދެކެވުނީ އާމިރު ޚާނާ އެކީގަ އެވެ. އެކަމަކު އޭނައާ އެކީ އެއްބަސްވުމަކަށް ނާދެވުމުން ރިތިކް ރޯޝަނަށް ސީރީޒް ހުށަހެޅުމުން އޭނަ މިއަށް އެއްބަސް ވެސް ވި އެވެ. އެކަމަކު ކުރިން ޕްލޭންކުރި ގޮތަށް ސީރީޒްގެ މަސައްކަތް ނުދިއުމުން އޭނަ ސީރީޒް ދޫކޮށްލީ އެވެ.

ނައިޓް މެނޭޖާ" ގެ ވަރުގަދަ ރޯލަކުން އަނިލް ކަޕޫރް ވެސް ފެންނާނެ އެވެ. މީގެ ފަސްޓްލުކް ދައްކައިލީ އޭނަ އާއި އަދިތިޔާގެ މޯޝަން ޕޯސްޓަރަކުންނެވެ. އަނިލް އާއި އަދިތިޔާ ވަނީ 2020 ގެ "މަލަންގް" ގައި ވެސް އެކީގައި މަސައްކަތްކޮށްފަ އެވެ.

"ދަ ނައިޓް މެނޭޖާ" ގައި ދައްކުވައި ދޭނީ ހަތިޔާރުގެ ވަގު ވިޔަފާރި ހިންގާ ނުފޫޒު ގަދަ ވިޔަފާރިވެރިއަކު އަތުލައި ގަތުމަށް ހޮޓަލެއްގެ ނައިޓް މެނޭޖަރެއްގެ ބޭނުން ހިފާ ގޮތެވެ.

މީގެ ހިންދީ ވާޝަންގެ ކާސްޓްގައި ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ އެވެ.

"ދަ ނައިޓް މެނޭޖާ" ގެ ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ އެވެ.

ހަ އެޕިސޯޑަށް ގެނެސްދިން މީގެ އޮރިޖިނަލް ސީރީޒް ސޫޒަން ބިއާ ޑައިރެކްޓްކުރި އިރު، މައިގަނޑު ކާސްޓުންނަކީ ޓޮމް ހިލެޑްސްޓަނާއި ހިއު ލޯރީ އާއި އޮލީވިއާ ކޮލްމަން އާއި އެލިޒަބަތު ޑެބީކީގެ އިތުރުން ޓޮމް ހޮލެންޑާ އެވެ.