Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޕަތާން" ގެ ޓްރެއިލާ ބަލާލަން ވާނެ

ޝާހްރުކް ޚާން ފުރަތަމަ ފަހަރަށް ވަރުފަދަ އެކްޝަން ރޯލެއް ކުޅެފައިވާ ފިލްމު "ޕަތާން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް، ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" އެވެ. ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ކުޅުނު އެ ފިލްމުވީ އެ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމަށެވެ.

އެހެންވެ "ޕަތާން" އާ މެދު ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. މި ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި 2018 ގެ "ޒީރޯ" ގެ ފަހުން ޝާހްރުކް ކުރީގެ ފޯމުގައި އަލުން ސްކްރީނަށް އައުމާއި ވަރުގަދަ ހަށިގަނޑަކާ އެކި އެކްޝަން ރޯލަކުން ފެނުމާއި އޭނަ އާއި ދީޕިކާ ޕަދްކޯންގެ ކެމިސްޓްރީ ވެސް އަލުން ސްކްރީނުން ބަލާލުމުގެ ފުރުސަތު ފަހިވެގެން ދިއުން ހިމެނެ މެވެ.

ޝާހްރުކާ އެކީ 2007 ގެ "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ނުކުމެ، ދީޕިކާ އާއި ޝާހްރުކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2013 ގެ "ޗެންނައި އެކްސްޕްރެސް" އާއި 2014 ގެ "ހެޕީ ނިއު އިޔާ" ވެސް ހިމެނެ އެވެ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕަތާން" ގެ ވިލަންގެ ރޯލު ކުޅެފައި ވަނީ ޖޯން އަބްރަހަމެވެ. އެހެންވެ ފިލްމުން އޭނަ އާއި ޝާހްރުކްގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ އެވެ. މި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ސަލްމާން ވެސް ފެންނާނެ އެވެ.