Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މި އަހަރު ރާއްޖެ އަށް 8 ކްރޫޒް ލައިނާއެއް

މި އަހަރުގެ ތެރޭގައި ރާއްޖެ އަށް އަށް ކްރޫޒް ލައިނާއެއް ޒިޔާރަތްކުރާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންސީ (މާޔާ) އިން ބުނެފި އެވެ.

އެތަނުން ވަނީ އަންނަން ހަމަޖެފައިވާ ކްރޫޒް ލައިނާތަކާއި އެ އެއްޗެހި ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުތަކާއި ބަނދަރުކުރަން ހަމަޖެހިފައިވާ ސަަރަހައްދުތަކާ ބެހޭ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ. މާޔާ އިން ބުނި ގޮތުގައި މި އަހަރު އަންނަ އަށް ކްރޫޒް ލައިނާއާ އެކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށް، އެ ދާއިރާ އިން ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

ދެހާސް ވިހީގައި ކޮވިޑްގެ ވަބާ ގޯސްވެ، އެޅި ފިޔަވަޅުތަކާ އެކީ ރާއްޖެ އަށް ބޭރުގެ ކްރޫޒް ލައިނާތައް އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި އޮތަސް މަޑުމަޑުން އެ ދާއިރާ އަށް އަންނަނީ ކުރިއަރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޖަޕާނުގެ ކްރޫޒް ލައިނާއެއް މާލޭގައި ބަނދަރުކުރި އެވެ.

މާޔާ އިން ބުނި ގޮތުގައި މި އަހަރު އަންނަން ތާވަލުކޮށްފައި ހުރި ކްރޫޒްލައިނާތައް ބަނދަރުކުރާނެ ސަރަހައްދުތަކުގެ ތެރޭގައި މާލެ އާއި އައްޑޫ އަދި ހއ. އަތޮޅު ހިމެނެ އެވެ. މި ކްރޫޒް ލައިނާތައް ރާއްޖެ އަށް އަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 23 އާއި ޑިސެމްބަރު 18 އާ ދޭތެރޭގަ އެވެ.

އަންނަން ހަމަޖެހިފައިވާ ކްރޫޒްލައިނާތައް:

* ޖެނުއަރީ 23: އެމްއެސް އާޓޭނިއާ (ބަނދަރުކުރާނީ މާލޭގައި)
* ފެބްރުއަރީ 2: އެމްއެސް އޯޝަނިއާ ނޯޓިކާ (ބަނދަރުކުރާނީ މާލޭގައި)
* ފެބްރުއަރީ 4: އެމްއެސް ކޯސްޓަ ޑެލިޒިއޯސާ (ބަނދަރުކުރާނީ މާލޭގައި)
* މާޗް 17: އެމްއެސް ސިލްވަ ޝެޑޯ (ބަނދަރުކުރާނީ އައްޑޫގައި)
* އެޕްރީލް 7: އެމްއެސް ސެވެން ސީސް މެރައިނާ (ބަނދަރުކުރާނީ މާލޭގައި)
* ނޮވެމްބަރު 6: އެމްއެސް އެއިޑްއަލްބާ (ބަނދަރުކުރާނީ މާލޭގައި)
* ޑިސެމްބަރު 1: އެމްއެސް ވަސް ކޮ ޑަ ގަމާ ނިކޯ (ބަނދަރުކުރާނީ މާލޭގައި)
* ޑިސެމްބަރު 16: އެމްއެސް ފްރެޑް އޮސްލެން ބޮލެޓް (ބަނދަރުކުރާނީ ހއ. އަތޮޅުގައި)
* ޑިސެމްބަރު 18: އެމްއެސް ފްރެޑް އޮސްލެން ބޮލެޓް (ބަނދަރުކުރާނީ އައްޑޫގައި)

މި ކްރޫޒް ލައިނާތަކުގެ ތެރެއިން އެންމެ ބޮޑު އެއްޗަކީ 2،826 މީހުންގެ ޖާގައިގެ އެމްއެސް ކޯސްޓަ ޑެލިޒިއޯސާ އެވެ. މި އަހަރު އަންނަން ތާވަލުކޮށްފައިވާ ކްރޫޒް ލައިނާތަކާ އެކީ ގާތްގަނޑަކަށް 12،200 އެއްހާ ޓޫރިސްޓުން އަންނާނެ އެވެ.

ރާއްޖެ އަށް މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.