ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހިންގަން ހަމަޖެހިފައިވާ މަޝްރޫގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެކަމަކު ރަސްމިއްޔާތު ބާއްވާނެ ސީދާ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. މނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ތެރެއިން މިހާރު ޑިޒައިނިން އާއި ސާވޭގެ އިތުރުން ސައިޓު ކްލިއަރެންސް ފަދަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ގަ އެވެ.

މި މަޝްރޫއަކީ އެ ގައުމުގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކެއް ވެސް އެއާޕޯޓްގައި ގާއިމުކުރާނެ އެވެ.