ރިތިކް ރޯޝަން ސުޕަހީރޯއެއްގެ ރޯލު ކުޅޭ ފިލްމު "ކްރިޝް" ސީރީޒްގެ ހަތަރު ވަނަ ބައިގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެކަމުގެ އިޝާރާތެއް އޭނަ ދީފި އެވެ.
މިއަދު 49 އަހަރު ފުރުނު އެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ކްރިޝް 4" އަށް އޮތީ ގާތްގަނޑަކަށް ހުރިހާ ތައްޔާރީތަކެއްވެފައިވާ ކަމަށެވެ. އެކަމަކު ކުދިކުދި ބައެއް ޓެކްނިކަލް ކަންކަމާ ހެދި ޝޫޓިން ފެށުން ލަސްވެފައި އޮތީ ކަމަށް ބުންޏެވެ. މި ފިލްމުގެ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ.
"ޔަގީން ކަމަކީ ކްރިޝް ހަތަރެއް ހަދާނެކަން. އެހެންވީމަ ފޭނުންގެ ހެޔޮދުއާ ވެސް ބޭނުން ވާނެ،" ރިތިކް ބުންޏެވެ. "މިހާރު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކްރިޝް ހަތަރެއްގެ މަސައްކަތް ފެށޭތޯ ބެލުން."
"ކްރިޝް 3" ބެލުންތެރިންނަށް ގެނެސްދިނީ 2013 ގަ އެވެ. މިއީ ރިތިކާ އެކީ އޭނަގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން ގެނެސްދިން 2003 ގެ "ކޮއި…މިލް ގަޔާ" އިން ކުރިފަޅުވައިގެން ގެނެސްދޭން ފެށި އެއްޗެކެވެ. "ކްރިޝް" ރިލީޒްކުރީ 2006 ގަ އެވެ.
ރިތިކް މިހާރު އަންނަނީ އޭނަގެ 2019 ގެ "ވޯ" އާއި 2014 ގެ "ބޭންގް ބޭންގް" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތްކުރަމުންނެވެ. މިއީ އިންޑިއާގެ ވައިގެ އަަސްކަރީ ޕައިލެޓެއްގެ ރޯލުން ރިތިކް ފެންނާނެ ފިލްމެކެވެ. ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރާއި ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް ހިމެނޭ "ފައިޓާ" ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ.
ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" އެވެ.