Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ޕާކިސްތާނަށް 9 ބިލިއަން ޑޮލަރުގެ އެހީއެއް

މިދިޔަ އަހަރުގެ ތެރޭގައި ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތައް ހިއްސާވާ ގޮތަށް ނުވަ ބިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

މި އަދަދަކީ ގާތްގަނޑަކަށް ޕާކިސްތާނަށް ލިބުނު ގެއްލުންތަން އަރައިގަތުމަށް ބޭނުންވާ ކަމަށް އަންދާޒާކުރި އަދަދުގެ ދެބައިކުޅަ އެއްބައެވެ. ޕާކިސްތާނުން ކުރިން ބުނެފައި ވަނީ ލިބުން ގެއްލުންތަކުން އަރައިގަތުމަށް މަދުވެގެން 16.3 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.

ޕާކިސްތާނަށް ނުވަ ބިލިއަން ޑޮލަރުގެ އެހީ ދިން އިރު އެންމެ ބޮޑެތި އެހީތައް ލިބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި ވޯލްޑް ބޭންކާއި ސައުދީ އަރަބިއްޔާ ފަދަ ތަންތަމުންނެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޗައިނާ އަދި ފްރާންސުން ވެސް އެހީ ދިނެވެ.

ގައުމަށް ލިބުނު މި އެހިއާ އެކީ ގުޅިގެން ޖެނީވާގައި ކުރިއަށްދާ ޔޫއެންގެ ކްލައިމެޓް ކޮންފަރެންސްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހީނާ ރައްބާނީ ވިދާޅުވީ މި އެހީ އަކީ އުންމީދުތަކެއް އާކޮށް ދިން އެހީއެއް ކަމަށެވެ.

"މިކަމުގައި ދައްކުވައި ދެނީ ގައުމުތަކަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީވާން ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން." އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެންބޮޑުވި ހާދިސާތަކުގައި 1،700 އެއްހާ މީހުން މަރުވެފައިވާ އިރު، އަށް މިލިއަނެއްހާ މީހުން ހާލުގައި ގައުމަށް އުމްރާނީ ގޮތުން އެތައް ގެއްލުމެއް ލިބިފައިވެ އެވެ.

ޕާކިސްތާނަށް 9 ބިލިއަން ޑޮލަރުގެ އެހީ ލިބުނު އިރު، ދަރަނިތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް އެހީދޭން އޮތީ ނިންމައިފަ އެވެ. އެއީ ކްރެޑިޓް ލައިނެއްގެ ދަށުން 1.1 ބިލިއަން ޑޮލަރެވެ.