ކަރަން ޖޯހަރަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނައާ އެކީ މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަ ކަމަށް ބުނެ މަޝްހޫރު އެކްޓަރު ދަރޭ ތައުރީފުކޮށްފި އެވެ.
ފިލްމީ ތަރިން ކަމަށްވާ ސަނީ އާއި ބޮބީގެ އިތުރުން އީޝާ ޑިއޯލްގެ ބައްޕަ ދަރޭ އަކީ މި އަހަރުގެ އެޕްރީލްގައި ކަރަން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ހިމެނޭ ތަރިއެކެވެ. ދަރޭއާ އެކީ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީގެ އިތުރުން ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ދަރޭ ބުނީ ކަރަން އަކީ ފިލްމު އުފެއްދުމުގައި ނަމޫނާ ޑައިރެކްޓަރެއް ކަމަށެވެ.
"ފިލްމު މޭކިންގެ ހުރިހާ ޑިޕާޓްމަންޓަކަށް ވެސް އޭނަ ވަރަށް ފަރިތަ. އަނެއްކާ އެކީގައި މަސައްކަތްކުރަން އެހާ ފަސޭހަ. ވަރަށް އުފާ ވެސް ކުރަން ކަރަންއާ އެކީ މަސައްކަތްކުރަން ލިބުނީމަ،" ބަތަލާ ހެމާ މާލިނީގެ ފިރިމީހާ ބުންޏެވެ.
ދަރޭ ސިފަކުރި ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ދިޔައީ ހިތްގައުމު ވައިރޯޅިއެއްހާ ފަސޭހަކޮށެވެ.
"މަސައްކަތް ދިޔަ ގޮތުން ހީވީ ފިލްމުގެ ޝޫޓިން ފެށި ތަނުން ޝޫޓިން ނިންމާވެސް ލެވިއްޖެހެން. އެހާ ވެސް އުފާވެރިކޮށް މީގެ މަސައްކަތް ދިޔައީ،" އެންމެ ލަވައެއް ފިޔަވައި ޝޫޓިން ނިންމާފައިވާ ފިލްމާ ބެހޭ ގޮތުން ދަރޭ ބުންޏެވެ. "ކަރަންއާ އެކީ މަސައްކަތްކުރެވުނު އިރު ހީވީ އަމިއްލަ ގޭގައި އިނދެގެން އާއިލާއާ އެކީ ހަމަޖެހިލައިގެން ކެއުމަކަށް ވެސް އިންސާފުކުރިހެން."
އޭނާ ބުނީ ކުރިން ކަރަންއާ އެކު މަސައްކަތްކުރަން ފުރުސަތު ލިބިފައި ނެތުމުން މަސައްކަތް ދާނެ ގޮތާ މެދު ފިކުރުތަކެއް ކުރެވުނު ކަމަށެވެ.
"އެކަމަކު އަހަރެން ހީކުރި ވަރަށް ވުރެ ފުރިހަމަ ޑައިރެކްޓަރެއް ކަރަން އަކީ." ދަރޭ ބުންޏެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކށް ގެންނަން ހަމަޖެހިފައި ވަނީ އެޕްރީލް 28 ގަ އެވެ. "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ ފިލްމުތައް ގެނެސްދިން ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.