Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

މިދިޔަ މަހު މީރާ އަށް 2.5 ބިލިއަން ރުފިޔާ

މިދިޔަ މަހު 2.58 ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 27.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 77 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެމްބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޖީޖީއެސްޓީ އަދި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ އިތުރުވުން ކަމަށެވެ.

ޑިސެންބަރު މަހުގެ ޖުމުލަ އާމްދަނީގެ ބޮޑު އިންސައްތައެއް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ހިއްސާކުރެ އެވެ.

ޑިސެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމުގައި މީރާއިން މައުލޫމާތު ދެ އެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުމާއެކު އަންދާޒާ ކުރި އާމްދަނީއަށްވުރެ، ބަލައިގަތް އާމްދަނީވަނީ އިތުރުވެފައިވެ އެވެ.

ޑިސެންބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 882.35 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީއެވެ. އެއީ 882.03 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 359.53 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 130.44 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.75 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 252.99 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 135 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.