Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

މާސްޓާކާޑާއި ވިސާ ކޮންޓެކްޓް-ލެސް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެސްޓީސީސީން ބުނީ ދުނިޔޭގެ ކޮންމެ ބޭންކެއްގެ ވެސް ކޮންޓެކްޓްލެސް މާސްޓާކާޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ބަހުގެ ހިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ.

މާސްޓާކާޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސްކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުނުންވާ ވެލިޑޭޓާ މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތަށް ފައިސާ ދެއްކުމަށް ކޮންޓެކްޓްލެސްކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރުގެ ސްކޭނާގައި ޓެޕްކޮށް ލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ އަލަށް ތައާރަފުކުރި ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމަކީ މިވަގުތަށް ހަމައެކަނި އާރްޓީއެލް މާލެ ސިޓީގެ ބަހުގެ ހިދުމަތަށް އިތުރުކުރި ހިދުމަތެއް ކަމަށެވެ. އެހެން ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި އާރްޓީއެލް ބަހުގެ ހިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަން ހުރި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭ އިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

މާލޭގެ އިތުރުން، ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ދެމުންނެވެ.