Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ބިން ހިއްކުމުގެ ކުރިން އައްޑޫން ބިން ދޫކުރާނެ

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު /ފޮޓޯ: އައްޑޫލައިވް

އައްޑޫގެ ބިން ހިއްކުމުގެ ކުރީންވެސް ބިން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އައްޑޫލައިވްއަށް މައުލޫމާތު ދެއްވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިދިޔަ އަހަރު ސިޓީ ކައުންސިލުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ ބިމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ލޭންޑް ޔޫޒް ޕްލޭން ނިމިމުން ދަނޑުބިންތަކާއި ވިޔަފާރި ބިންތައް ކުލިއަށް ދިނުމަށް ދޫކުރެވޭއިރު، ކޮންމެވެސް ވަރަކަށް ބިން ވިއްކުމުގެ ބައިވެސް ކުރިއަށް ދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތުގެ ތެރެއިން މަރަދޫ، މަރަދޫ-ފޭދޫގެ ލޭންޑް ޔޫޒް ޕްލޭން ނިމި މިނިސްޓްރީއާއި ހަވާލުކޮށްފައިވާއިރު، ފޭދޫގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުދޫ-މީދޫގެ ލޭންޑް ޔޫޒް ޕްލޭން ކުޑަ ބަދަލުތަކާއި އެކު މިހަފްތާ ތެރޭ ނިމި ހަވާލު ކުރެވޭއިރު، ހިތަދޫ ލޭންޑް ޔޫޒް ޕްލޭންވެސް 80 އިންސައްތަ ނިމިފައިވާކަން މޭޔަރ ހާމަކުރެއްވިއެވެ.

ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ފޭދޫގެ އިތުރުން ހިތަދޫ ޗަސް ބިން ހިއްކަނީ

އައްޑޫގެ އަވަށްތަކަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ ހައްލު ކުރުމަށް، ފޭދޫގެ ޗަސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ފޭދޫއިގައި ތިބި ބިންތައް ކައުންސިލުން ވަނީ ބޭނުން ކުރެވޭ ގޮތް ހަދާދީފައެވެ. މިމަސައްކަތަށް ހިތަދޫގައި ކުރިއަށް ގެންދިއުމަށް މިހާރު އިތުރު 4 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ހިތަދޫއިން މިވަގުތުވެސް 200 ވަރަކަށް ބިން ދޫނުވެ އެބަހުރި ޗަސް ބިމުގެ ތެރޭ. މި ބިންތަށް ހޯދުމަށް ކޮންމެ ދުވަހަކު އެތަށް ބަޔަކު އެބަ އާދޭ. އަޅުގަނޑުމެން ވިސްނަނީ ޖުލައި މަހުގެ ކުރިން އެންމެނަށް ހާވާލުކޮށް ނިންމައި އިތުރަށް ފޭދޫގެ ވެސް ނުހިއްކި ތިބި ތަންތަން މި ފައިސާ ބޭނުންކޮށްގެން ނިންމާ.

މިއާއެކު ފޭދޫއިން އަދި ހިތަދޫންވެސް އިތުރު ބިންތަކެއް ހާވާލުވެގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ހިތަދޫގެ ޑްރޯން ޝޮޓެއް / ފޮޓޯ: ައައްޑޫލައިވް

ބިން ހިއްކުމުގެ ކުރިން ބިން ދޫކުރާނޭ

އައްޑުގެ ބިމުގެ މައްސަލައަށް މިހާރު ދައިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ޤަބޫލު ކުރެއެވެ. އެގޮތުން މިހާރު އައްޑޫގެ ބިން ދޫކުރުމުގެ އުސޫލު ޑްރާފްޓްކޮށް ނިމިފައިވާކަން މޭޔަރ ހާމަކުރެއްވިއެވެ. މިމަސައްކަތާއި އެކު އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ކުރިންްވެސް ބިންތަށް ދޫކުރަން ފަށާނެ ކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.

މިގޮތުން މިއާއެކު ފޭދޫން 350 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހިތަދޫއިން 300 އާއި 400 ދެމެދުގެ އަދަދަކަށް ބިން ދޫކުރާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ. އަދި ހުޅުދޫ-މީދޫން އިން މިއިން ކޮންމެ އަވަށަކުންވެސް 100 ބިން ދޫކުރެވޭނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ދާދި އަވަހަށް އައްޑޫގެ ބިންތައް ދޫކުރުމުގެ އުސޫލު ކައުންސިލުން މަޝްވަރާކޮށް ފާސްކުރާނެއެވެ.

ބިން ހިއްކުމަށް މަޝްރޫއާއި ގުޅޭ ގޮތުން ކައުންސިލަށް މައުލޫމާތު ދެނީ / ފޮޓޯ: ކައުންސިލް

އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މިހާރުވަނީ ނެދަލޭންޑްސް ވެން އޫޑްއާއި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. މިމަސައްކަތުގެ ދަށުން އައްޑޫއިން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.